Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

މަޖިލީހަށް ސަލާމަތީ ބާރުތަކުގެ ނުފޫޒު ފޯރުވުން ކުށްވެރިކޮށްފި

ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ސިފައިންވަދެ، މަޖިލީހަށް ނުފޫޒު ފޯރުވުން އިންޓަ ޕާލަމެންޓްރީ ޔޫނިއަން(އައިޕީޔޫ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އައިޕީޔޫގެ ސެކެޓްރީ ޖެނެރަލް، މާޓިން ޗުންގޮންގް ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޔޫނިއަންއާއި އޭނާގެ އަމިއްލަ ހައިސިއްޔަތުންވެސް މިއަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހުގެ ސަލާމަތަށްޓަކައި މަޖިލީހުގައި ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ސިފައިން ޗެމްބަރު ތެރޭގައި ހަރަކާތްތެރިވެއެވެ.

މިއަދުވެސް މަޖިލީހުގައި ބާއްވަން އުޅުނު ޖަލްސާގެ ތެރެއިން ސިފައިންނާއި ބައެއް މެމްބަރުންނާ ކުރިމަތިލުން ހިނގާދިޔަތަން ވަނީ ފެނިގެން ގޮސްފައެވެ.

އިދިކޮޅު މެމްބަރުން މަޖިލީހުގައި އަޑުއުފުލަނީ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ހުށައަޅާފައިވާއިރު އެވޯޓު ނުނަގާ މަޖިލިސް ކުރިއަށް ގެންދާތީއެވެ. އަދި މަސީހަކީ އިތުބާރު ގެއްލިފައިވާ މީހެއް ކަމަށާއި މަގާމުން އިސްތިއުފާ ދިނުމަށް ލާޒިމުކޮށް އިދިކޮޅު ފަރާތްތަކުން ވަނީ ކެނޑިނޭޅި މަޖިލީހުގައި އަޑުއުފުލަމުންނެވެ.