Last Updated: June 29, 18:33
Monday, June 29, 2026
ޚަބަރު

ޖުލައި މަހު ދައުލަތަށް 9.9 ބިލިއަން ރުފިޔާ

މިއަހަރު ތެރޭގައި ޖުލައި މަހުގެ ނިޔަލަށް 9.9 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

އެގޮތުން މީރާ އިން އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެ އިދާރާ އިން ނަގާ އެކިއެކި ޓެކްސް އާއި ފީ ހިމެނޭގޮތަށް ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް 4.7 ބިލިއަން ރުފިޔާ ދިވެހި ފައިސާގެ ގޮތުގައި ލިބިފައިވެއެވެ. އަދި ޑޮލަރުގެ ގޮތުގައި ވަނީ 340.5 މިލިއަން ޑޮލަރު ލިބިފައެވެ.

މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބިފައި ވަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އިންނެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި ޖުމްލަ އާމްދަނީގެ 42.3 އިންސައްތަ ކަމުގައިވާ 4.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތަށް ޖީއެސްޓީގެ ގޮތުގައި ލިބިފައި ވަނީ 3.8 ބިލިއަން ރުފިޔާ އެވެ.

ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ކަމުގައިވާ ބީޕީޓީންނެވެ. އެގޮތުން ބީޕީޓީ ގެ ގޮތުގައި މިއަހަރު ވަނީ 2.3 ބިލިއަން ރުފިޔާ ލިބިފައެވެ. އެއީ ޖުމްލަ އާމްދަނީގެ 22.8 އިންސައްތަ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް ބީޕީޓީ ގެ ގޮތުގައި ލިބިފައި ވަނީ 2.2 ބިލިއަން ރުފިޔާ އެވެ.

ތިން ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޓުއަރިޒަމް ލޭންޑް ރެންޓުގެ ގޮތުގައެވެ. އެގޮތުން ޖުމްލަ އާމްދަނީގެ 7.8 އިންސައްތަ ކަމަށްވާ 776 މިލިއަން ރުފިޔާ ޓުއަރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބިފައިވެއެވެ. ހަތަރުވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބިފައި ވަނީ ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައެވެ. އެއީ ޖުމްލަ އާމްދަނީގެ 6.6 އިންސައްތަ ކަމަށްވާ 649 މިލިއަން ރުފިޔާ އެވެ.

ޖޫން މަހަށްވުރެ 35.6% ގެ ކުރިއެރުމެއް ޖުލައި މަހު ލިބުނު އާމްދަނީ އިން ދައްކައެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބުނުއިރު، މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ލިބިފައި ވަނީ 2.1 ބިލިއަން ރުފިޔާ އެވެ.