ގދ. ތިނަދޫ ގައި އެވިޑް ކޮލެޖްގެ ކެމްޕަހެއް ހުޅުވުމަށް އެ ކޮލެޖުން ދަނީ ތައްޔާރުވަމުންނެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މި ކެމްޕަސް ޤާއިމް ކުރެވޭނީ ތިނަދޫގައި ކުރީގެ އުލޫމިއްޔާ ޕްރީސްކޫލް ހިންގި އިމާރާތުގައެވެ.
އެގޮތުން ކެމްޕަސް ހުޅުވުމުގެ ތައްޔާރީތަކަށް އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދާއި އެހެނިހެން ބައެއް އިސްވެރިން މިއަދު ތިނަދޫ އަށް ވަޑައިގަންނަވާނެ އެވެ. އަދި އެ ދަތުރުގައި ދެ ތަމްރީން ޕްރޮގްރާމެއް ވެސް ހިންގޭނެ ކަމަށް އެ ކޮލެޖުން ބުނެއެވެ.
އެގޮތުން އެ ޕްރޮގްރާމްތަކުގެ ތެރޭގައި ދެ ދުވަހުގެ ޕްރީ-ކޮލެޖް އެންހާންސްމަންޓް ޓްރެއިނިން އަކާއި މުވައްޒަފުންނަށް އަމާޒްކޮށްގެން ހިންގާ އެއް ދުވަހުގެ ލީޑާރޝިޕް އެންޑް މެނޭޖްމެންޓް ޕްރޮގްރާމެއް ހިމެނެއެވެ.
އެ ކޮލެޖުގެ ޑިވެލޮޕިން އެންޑް މާކެޓިން ޑައިރެކްޓަރު އިބްރާހިމް ނަސީމް އާއި ހަވާލާދީ މިހާރު ނޫހުން ރިޕޯޓް ކުރާ ގޮތުގައި އެ ތަމްރީން ޕްރޮގްރާމްތަކުގެ ސެޝަންތަކުގައި ކިޔަވައި ދެއްވާނީ ކަމުގެ ޢިލްމާއި ހުނަރު އަދި ޤާބިލްކަން ލިބިލައްވާފައިވާ ޕްރޮފެޝަނަލް ބޭފުޅުންނެވެ.
މީގެ އިތުރުން ތިނަދޫގައި ހިންގުމަށް ހަމަޖެހިފައިވާ ކެމްޕަހުގައި ފެށުމަށް ނިންމާފައިވާ ކޯސްތަކާއި ބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް 26 އޮގަސްޓް 2017 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:30 ން މެންދުރު 12:00 އަށް އުލޫމިއްޔާ ސްކޫލްގައި އޮންނާނެ އެވެ. އެވިޑް ކޮލެޖްގެ ޓީމުން ތިނަދޫއަށް ކުރައްވާ ދަތުރުފުޅުގައި އެޕްލިކޭޝަން ފޯމް ބަލައިގަތުން ވެސް އޮންނާނެ އެވެ.