ފަސް ވަނަ އޭޝިއަން ބޮޑީ ބިލްޑިންގ އެންޑް ފިޒިކް ޗެމްޕިއަންސްގައި ވާދަކޮށް ރާއްޖެއިން ރަން މެޑަލް ހޯދައިފި އެވެ.
އެގޮތުން އެ މުބާރާތުގައި ވާދަކޮށް ރާއްޖެއަށް ރަން މެޑަލް ހޯދައިދީފައި ވަނީ 55 ކިލޯގެ ކެޓަގަރީ އިން ޝާހީން އިބްރާހިމް ވަހީދު (ޝާންޓޭ) އެވެ.
މި ކެޓަގަރީގައި އޭޝިއާގެ އަށް ޤައުމެއްގެ ނުވަ އެތްލީޓުން ވާދަކޮށްފައިވާއިރު، މި ކެޓަގަރީން ދެވަނަ އަށް ގޮސްފައި ވަނީ މޮންގޯލިއާ އެވެ. އަދި ތިން ވަނަ ހޯދާފައި ވަނީ ނޭޕާލްއިންނެވެ.
މި އަހަރުގެ މުބާރާތުގައި ރާއްޖޭގެ ފަރާތުން ހަތަރު ބޮޑީބިލްޑަރުން ވަނީ ބައިވެރިވެފައެވެ. އެއީ އެންމެ ފަހުގެ މިސްޓަރ މޯލްޑިވްސް ކަމަށްވާ މުހައްމަދު ޔާމީނާއި 2016 ވަނަ އަހަރުގެ މިސްޓަރ މޯލްޑިވްސް އަހުމަދު ރަޝީދު އަދި މި އަހަރުގެ މިސްޓަރ މޯލްޑިވްސް ގައި އެންމެ ތަފާތު ހުނަރެއް ދެއްކި އަހްމަދު ފަޒީލްގެ އިތުރުން ޝާންޓޭ އެވެ.
މި މުބާރާތުގައި ރާއްޖެ ތަމްސީލް ކުރާ ބޮޑީ ބިލްޑަރުންނާއި ބެހޭގޮތުން ވާހަކަދައްކަވަމުން މޯލްޑިވްސް ބޮޑީ ބިލްޑިންގ ފެޑަރޭޝަންގެ ރައީސް އިބްރާހިމް ހަމީދު ވިދާޅުވެފައި ވަނީ އެ ހަތަރު އެތްލީޓުންނަކީ ވެސް ކާމިޔާބު ހޯދޭނެ ޤާބިލިއްޔަތުކަން ހުރި ހަތަރު އެތްލީޓުން ކަމަށާއި، އުންމީދަކީ މި މުބާރާތުގައި ވާދަކޮށް ރާއްޖެއަށް ރީތި ނަމާއި ފަޚުރު ގެނައުން ކަމަށެވެ.
148 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖެއިން ދެން ވާދަކުރާ ތިން ބޮޑީ ބިލްޑަރުން ބައިވެރިވާ އިވެންޓްތަށް މާދަމާ ކުރިއަށް ދާނެއެވެ.