ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފެށުމަށާއި ފުޅާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށް ގެންދާ "އެސްއެމްއީ ލޯން" ސްކީމަށް އެދި ހުށައެޅުމުގެ ފުރުސަތު އަންނަ މަހުގެ ތެރޭގައި ހުޅުވާލުމަށް ނިންމައިފި އެވެ.
އެގޮތުން އެމްއެމްއީ ލޯން ސްކީމްގެ ދަށުން މި އަހަރު ދޫކުރަން ހަމަޖައްސާފައި ވަނީ 38 މިލިއަން ރުފިޔާ ކަމަށް އައިޖީއެމްއެޗް ކޮންފަރެންސިން ހޯލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނިމިކް މިނިސްޓްރީގެ ނައިބް އާދަމް ތައުފީޤު ވިދާޅުވި ކަމަށް ސަން އޮންލައިން އިން ރިޕޯޓް ކުރެއެވެ.
އެސްއެމްއީ ލޯނަށް އެދޭ ފޯމް އަންނަ މަހުގެ 17 އިން ފެށިގެން ދޫކުރަން ފަށާނެ ކަމަށާއި، ފޯމް ހުށައެޅުމަށް އަންނަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށްވެސް އާދަމް ތައުފީޤު ވަނީ ވިދާޅުވެފައެވެ.
އިކޮނިމިކް މިނިސްޓްރީން ބުނާ ގޮތުގައި އެ ސްކީމްގެ ދަށުން ވަކިފަރުދަކު ކުރާ ވިޔަފާރިއަކަށް ދެވޭނެ އެންމެ މަތީ އަދަދަކީ ފަސް ލައްކަ ރުފިޔާ ކަމަށާއި، ޕާޓްނަރޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ ދޫކުރެވޭނެ އެންމެ މަތީ އަދަދަކީ 1.5 މިލިއަން ރުފިޔާ ކަމަށެވެ.
އެސްއެމްއީ ސްކީމްގެ ފަށުން ލޯން ދޫކުރަން ހަމަޖައްސާފައިވާ ދާއިރާތަކަކީ ފަތުރުވެރިކަމުގެ ދާއިރާ އާއި ދަތުރުފަތުރު ކުރުމުގެ ދާއިރާ އާއި އިމާރާތް ކުރުމުގެ ދާއިރާ އާއި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން ކޯޕަރޭޓިވް ސޮސައިޓީގެ ދާއިރާ އާއި ޚިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާ އަދި ވޭސްޓް މެނޭޖްމަންޓް ދާއިރާ އާއި އޯޕަން ކެޓަގަރީ އެވެ.
ކޮންމެ ވިޔަފާރިއަކަށް ވެސް ހުށަހެޅޭނީ ބޭނުންވާ އެއް ދާއިރާއަކުން، އެއް އެޕްލިކޭޝަނެވެ.
ލޯނު އަދާކުރުމުގެ މުއްދަތު ކަނޑައަޅާނީ ހުށަހަޅާ ވިޔަފާރީގެ މާލީ ހިސާބުތަކަށް ރިއާޔަތް ކުރުމަށްފަހު، ނުވަ އަހަރަށް ވުރެ މުއްދަތު އިތުރުނުވާ ގޮތަށް ކަމަށް އިކޮނިމިކް މިނިސްޓްރީން ބުނެއެވެ. އަދި މުއްދަތުގައި ގިނަވެގެން އެއް އަހަރު ދުވަހުގެ ގްރޭސްގެ މުއްދަތެއް ހިމެނިދާނެއެވެ.
ގްރޭސްގެ މުއްދަތުގައި އަލަށް ފަށާ ވިޔަފާރި ފިޔަވައި ލޯންގެ އިންޓްރަސްޓްއަށް ވާ މިންވަރު ދައްކަންޖެހޭނެއެވެ.