Last Updated: June 29, 18:33
Monday, June 29, 2026
ޚަބަރު

ހިރިލަންދޫން މަސްތުވާތަކެއްޗާ ބަޔަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރުމުންދާ މަސައްކަތުގެ ތެރެއިން ތ.ވޭމަންޑޫ ޕޮލިސް ސްޓޭޝަނާއި ތ.ހިރިލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ތ. ހިރިލަންދޫން ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ މި އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގެ 17:20 ހާއިރު މާލެއާއި ތ. އަތޮޅާ ދެމެދު ދަތުރުކުރާ ބޯޓެއް ހިރިލަންދޫއަށް އައި ވަގުތު އެބޯޓު ތެރެއިން ކަމަށް ފުލުހުން ބުނެއެވެ.

އެދެމީހުން ހައްޔަރުކޮށް އެދެމީހުންގެ ހަށިގަނޑާއި އެވަގުތު ތިބި ތަން ބަލައިފާސްކުރިއިރު އެދެމީހުން ތިބި ތަނާދިމާލު ފިލާތަކުގެ މަތިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 8 ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަ ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.