Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

"އަވަގުރާނަ ގޮވުނީތީ މަޢާފަށް އެދެން"

އަލީ އާރިފް، ފޮޓޯ: މިހާރު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި "ލަދު ބަހެއް" ވިދާޅުވެވިފައިވާތީ އެކަމަށް ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާ ކަމަށް ކެލާ ދާއިރާގެ މެމްބަރ އަލީ އާރިފް ވިދާޅުވެއްޖެއެވެ.

ރޭ "ރުމާލު 2" ޖަގަހަގައި ވާހަަކަފުޅު ދައްކަވަމުން އަލި އާރިފް ވިދާޅުވީ އިއްޔެގެ ޖަލްސާގެ ކަންތައް ދިޔަ ގޮތުން ޖަޒްބާތުގައި ޖެހުނީ އިދިކޮޅު ފަރާތްތަކުން މަޖްލިސް ތެރޭގައި ހިންގަމުންދިޔަ ކަންކަން އިދިކޮޅު ލީޑަރޝިޕުން ނުހުއްޓުވުމުންނެވެ.

އާރިފް މިފަދައިން ވިދާޅުވި އިރު އިއްޔެ މަޖްލިސްގެ ޖަލްސާއަށް ފަހު މަޖްލިސްގެ މައިނޯރިޓީ ލީޑަރ އިންނަވާ ކޮޓަރީގެ ދޮރަށް "ކިކް" ޖައްސަވައި ވަރަށް ގަޓުކޮށް ވަނީ ވަދެ ވަޑައިގެންފައެވެ.

އާރިފް ވިދާޅުވީ އެފަދަ ގޮތަކަށް އަމަލް ކުރަން މަޖްބޫރުވީ އިދިކޮޅު މެމްބަރުންގެ އަމަލް ހުރި ގޮތުން ކަމަށެވެ.