Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ބީއެމްއެލްގެ ހިއްސާދާރުންނަށް ހިއްސާ ބަހައިފި

ރާއްޖޭގެ އެންމެ ބޮޑު ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ހިއްސާދާރުންނަށް ހިއްސާ ބަހައިފިއެވެ.

ރޭ ހޮޓެލް ޖެން ގައި ކުރިއަށްދިޔަ ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ގަނެފައިވާ ކޮންމެ ހިއްސާއަކަށް 20ރ. ގެ މަގުން ހިއްސާ ވަނީ ބަހާފައެވެ.

ހިއްސާގެ ގޮތުގައި ހިއްސާދާރުންނަށް 107.6 މިލިއަން ރުފިޔާ ވަނީ ބަހާފައެވެ. މިދިޔަ އަހަރު ބޭންކަށް ސާފު ފައިދާގެ ގޮތުގައި 1 ބިލިއަން ރުފިޔާ ލިބިފައިވާއިރު ބޭންކުގެ ހުރިހާ ޑިޕާޓްމަންޓަކުންވެސް ވަނީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ކުރިއެރުން ހޯދާފައެވެ.

މުޖުތަމައަށް ލާބަހުރި ޕްރޮޖެކްޓް ތަކުގައި 150 މިލިއަން ރުފިޔާ އިންވެސްޓްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސެލްފް ސާވިސް އޭޓީއެމްތަކާއި އާ ބްރާންޗުތައް ބީއެމްއެލްއިން ވަނީ ހުޅުވާފައެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެފައިވަނީ ކަސްޓަމަރުން ކުރެއްވި އިތުބާރަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ރެކޯޑު އަދަދަކަށް މިފަހަރު ހިއްސާ ބެހުމަށް ނިންމުމުން އޭނާ އަށް ޚާއްސަ އުފަލެއް ލިބިފައިވާ ކަމަށާއި ކަސްޓަމަރުންނަށް އެހީތެރިވެދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާނެ ކަމަށް ހީލީ ވިދާޅުވިއެވެ.

ހިއްސާ އަކަށް 20ރ. ގެ މަގުން ހިއްސާ ބަހާފައިވާއިރު މިއީ ބީއެމްއެލްގެ ހަޔާތުގައި ހިއްސާގެ ގޮތުގައި އެންމެ ގިނަ އަަދަދެއް ބެހި ފަހަރެވެ.