އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ، ވޭން ރޫނީ 31 އަހަރުގައި ގައުމީ ޓީމުން ރިޓަޔާކޮށްފިއެވެ.
އިނގިރޭސި ޓީމަށް 119 މެޗުން 53 ގޯލު ޖަހައި ރޫނީ ވަނީ ބޮބީ ޗާލްޓަންގެ 49 ގޯލުގެ ރެކޯޑު ފަހަތަށް ޖައްސާލާފައެވެ. ރޫނީ ވަނީ ބޮބީ ޗާލްޓަންގެ މެންޗެސްޓާ ޔުނައިޓެޑުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑުވެސް މުގުރާލާފައެވެ.
މިސީޒަނުގައި ހިލޭ ޓްރާންސްފާއެއްގައި އޭނާގެ ކުޑައިރުގެ ކުލަބު އެވަޓަންއަށް ބަދަލުވެ ރޫނީ ވަނީ އަނެއްކާވެސް ލަނޑުތައް ޖަހަން ފަށާފައެވެ. ލީގު ފުރަތަމަ ދެމެޗުގައިވެސް ދެ ލަނޑު އޭނާގެ ފަރާތުން ފެނިގެން ގޮސްފައިވާއިރު ސިޓީ ކޮޅަށް ޖެހި ލަނޑާއެކު ރޫނީ ވަނީ ޕްރިމިއާ ލީގުގައި އޭނާގެ 200 ވަނަ ގޯލު ހަމަކޮށްފައެވެ.
ރޫނީ އޭނާގެ އިންޓަނޭޝަނަލް ކެރިއަރު ނިމުމަކަށް ގެނެސްފައިވާއިރު ގިނަ ބަޔަކު ހީކޮށްގެން ތިބީ ރޫނީ ކެރިއަރު ނިންމާލާނީ އަންނަ އަހަރުގެ ވޯލްޑު ކަޕަށް ފަހުގައި ކަމަށެވެ.
އުމުރުން އެންމެ 17 އަހަރުގައި އިނގިރޭސި ޓީމަށް ކުޅެން ފެށި ރޫނީގެ ފުރަތަމަ ލަނޑު އިނގިރޭސި ޖާޒީގައި ފެނިގެން ގޮސްފައިވަނީ 2003 ވަނަ އަހަރުގައެވެ.