ރައްޔިތުންގެ މަޖިލީހުގައި މިއަދު ބިހުން ސަރުކާރު މެމްބަރުންނާއި އިދިކޮޅު މެމްބަރުން "ހަނގުރާމަ" ކޮށްފައިވާއިރު ބިސް ޖެހީ ރީކޯ މޫސަ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހް ވިދާޅުވެފައިވަނީ ރީކޯ މޫސަ މައިނޯރިޓީ ލީޑަރުގެ ކޮޓަރިކޮޅު ދޮރު ހުޅުވާފައި ބިސް ޖެހިތަން ދެކެވަޑައިގަތް ކަމަށާއި އެކަން ކޮށްފައިވަނީ މޫސަ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.
މަޖިލިސް ފެށުމުގެ ކުރިން ރައީސްގެ ގޮނޑިއަށްވެސް ބިސް ޖަހާފައިވާއިރު ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު ތުހުމަތު ކުރައްވަނީ އެކަން ކޮށްފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މަހްލޫފް ކަމަށެވެ.
ބައެއް މެމްބަރުންގެ ގަޔަށްވެސް ބިސް ޖަހާފައިވާއިރު މިއަދުވެސް މަޖިލީހުގެ ޖަލްސާ ވަނީ ހޫނުވެ ދެފަރާތު މެމްބަރުންގެ ބޮޑު ޒުވާބުގަނޑެއް މަޖިލީހުގައި ހިނގާފައެވެ.