ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އިތުރު 1،000 ކޯޓާ ދިނުމުން ވަގުތު ނެތިގެން އޭގެތެރެއިން 500 ކޯޓާގައި މީހުނަށް ހައްޖަށް ނުދެވި ބާކީވެއްޖެއެވެ.
ފާއިތުވެދިޔަ އަހަރުތަކާއި ޚިލާފަށް މިފަހަރު ފުރަތަމަ ރާއްޖެއަށް ލިބިފައިވަނީ އެންމެ 1،000 ކޯޓާއެވެ. ނަމަވެސް ސައުދީން ވަނީ ރާއްޖޭގެ ހައްޖާޖީން މައްކާއަށް ގޮސްފައިވަނިކޮށް، އިތުރު 1،000 ކޯޓާ ރާއްޖެއަށް ދޫކޮށްފައެވެ.
އޭގެތެރެއިން 500 ކޯޓާ ހައްޖު ކޯޕަރޭޝަނަށް ދިނުމުން އެކޯޕަރޭޝަނުން ވަނީ ވަގުތުން ހައްޖަށް ދާން ބޭނުން ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައެވެ. ބާކީ 500 ކޯޓާ ރައީސް އޮފީހާއި ހަވާލުކޮށްފައިވާއިރު ރައީސް އޮފީހުން މަސައްކަތް ކުރީ އެކޯޓާ ހައްޖަށް ގެންދާ ރާއްޖޭގެ ތިން ކުންފުންޏަކާ ހަވާލުކުރާށެވެ.
ނަމަވެސް އެއިން އެއްވެސް ކުންފުންޏެއް، ވަގުތު ކުޑަތަންވުމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބަލައި ކޯޓާގައި ހަވާލުނުވިއެވެ. އެހެންކަމުން ބާކީވި 500 ކޯޓާވެސް ހައްޖު ކޯޕަރޭޝަނަށް ދިނެވެ.
ނަމަވެސް ހައްޖު ކޯޕަރޭޝަނުން މިހާރުވެސް 700 މީހުން މައްކާއަށް ގެންގޮސްފައިވާތީ އިތުރު 1،000 މީހުން ގެންދިއުމުގެ ގާބިލިއްޔަތުކަން އެކޯޕަރޭޝަނުގައި ނެތުމުގެ ސަބަބުން ހައްޖު ކޯޕަރޭޝަނުންވެސް ވަނީ އެ 500 ކޯޓާގައި ހަވާލުނުވެ ދޫކޮށްލާފައެވެ.
ހައްޖަށް ގެންދާ ކުންފުނިތަކުން ބުނެފައިވަނީ ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދާން ޖެހޭ އެންމެ ފަހު ދުވަހަށް ދެން ބާކީ ހުރީ އެންމެ 5 ދުވަސް ކަމަށެވެ. 5 ދުވަހުގެ ތެރޭގައި ހައްޖާޖީންގެ ހުރިހާ ކަމެއް މާލެއިން ހަމަޖެހި، ފުރޭނެ ގޮތެއް ކަމާބެހޭ އިދާރާތަކަށް ހަމަޖައްސާ ނުދެވޭނެ ކަމަށާއި އެހެންކަމުން ހައްޖާޖީންގެ އަތުން ފައިސާ ނެގުމަށް ބޭނުންނުވާ ކަމަށް އެމީހުން ބުނެފައިވެއެވެ.