އިދިކޮޅު 12 މެމްބަރަކާ ދެކޮޅަށް ދައުލަތުން ދައުވާ ކުރުމަށް ލިޔެކިޔުންތައް ހަވާލުކޮށްފިއެވެ.
މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލީހުގައި ހިނގި ހަމަނުޖެހުންތަކުގައި ސިފައިންނާއި ފުލުހުންގެ ސަފުތައް ފޫއަޅުވާލި މައްސަލާގައި މެމްބަރުންނަށް ދައުވާ ކުރަނީ ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުންނެވެ.
ލިޔެކިޔުން ހަވާލުކޮށްފައިވާ 12 މެމްބަރުންނަކީ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް، ހިތަދޫ އުތުރު އަދި މެދު ދާއިރާގެ މެމްބަރު އަސްލަމް އަދި އިބްރާހިމްދީ، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު އަބްދުލް ކަރީމް، ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެން އަރީފް، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަދި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިންނެވެ.
ލިޔެކިޔުންތައް ހަވާލުކޮށްފައިވާއިރު މިމައްސަލާގައި ދެން އޮންނާނީ އިބްތިދާއީ އަޑުއެހުންތަކެވެ. އިދިކޮޅު މެމްބަރުންގެ މައްޗަށް ދައުވާ ކުރުމަށް ލިޔެކިޔުންތައް ހަވާލުކޮށްފައިވާއިރު މެމްބަރުން ބުނެފައިވަނީ ޖަލަށް ލިޔަސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.
ޖުލައި 24 ވަނަ ދުވަހު މެމްބަރުން ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށްފަހު މަޖިލީހަށް ވަދެފައިވިނަމަވެސް އެމެމްބަރުން ބުނެފައިވަނީ ފުލުހުންނަކީ މަޖިލީހުގައި ހަރަކާތްތެރިވެވޭނެ މުއައްސަސާއެއް ނޫން ކަމަށާއި ސިފައިންނާއި ފުލުހުން އެދުވަހު މަޖިލީހުގައި ހަރަކާތްތެރިވީ ގާނޫނާއި ޚިލާފަށް ކަމަށެވެ.