ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާތަކެއް ތިލަފުށްޓަށް ކުނީގެ ގޮތުގައި އެއްލާލާފައިވަނީ ރިސޯޓުތަކުންނާއި އެހެނިހެން ރަށްތަކުން ކުނި އުކުމަށް ތިލަފުށްޓަށް ގާތްކުރާ ޖެޓީއަށް ދޯންޏަކުން އައިސް އަޅާލި ތަރުޖަމާތަކެއް ކަމަށް ވެމްކޯއިން ބުނެފިއެވެ.
ވެމްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޤުރުއާން އެއްލާލާފައިވަނީ އިއްޔެ އިރުއޮއްސުނު ވަގުތު ކަމަށާއި ގިނަ އަދަދެއްގެ ފޮށިތަކުގައި އެ ތަރުޖަމާތައް އެއްލާފައިވާ ކަމަށެވެ.
އަދި އެއީ ޤުރުއާން ތަރުޖަމާކަން ވެމްކޯގެ މުވައްޒަފުންނަށް އެނގުމުން ވަގުތުން ތަރުޖަމާތައް ނަގައި، އެހެން ކުނިތަކާއި ވަކިކޮށް ބަހައްޓާފައިވާނެ ކަމަށްވެސް މިބަޔާނުގައި ވެއެވެ.
އަދި އެ ތަރުޖަމާ އެއްލާލި ދޯނި މިހާރު ދަނެގަނެވިފައިވާ ކަމަށާއި އެމައުލޫމާތު މިހާރު ފުލުހުންނާއި ހިއްސާވެސް ކޮށްފައިވާނެ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.
ކީރިތި ޤުރުއާން ފަދަ ޚާއްސަ އުސޫލަކުން ނައްތާލާ ތަކެތި އެހެން ކުނިތަކެކޭ އެއްފަދައިން އެއްލާނުލުމަށް ވެމްކޯއިން ވަނީ ހުރިހާ ފަރާތްތަކަށްވެސް އަންގާފައެވެ. އެފަދަ ތަކެތި ނައްތާލަން ޖެހިއްޖެނަމަ ވެމްކޯއަށް އެންގުމަށް އެފަރާތުން ވަނީ އެދިފައެވެ.