ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދުތަކާއި އެއްގޮތަށް މިނިވަންކަމާއެކު ކުރިއަށްދާ މަޖިލީހަކަށް ހެދުމަށް އެމެރިކާއިން ރާއްޖެއަށް ގޮވާލައިފި އެވެ.
އެމެރިކާއިން ދިވެހި ރާއްޖެއާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނެވި ސަފީރު އާޓުލް ކެޝަޕް އާންމުކުރި ވީޑިއޯ ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި މަޖިލީހުން ފެނިގެން ދިޔަ މަންޒަރުތަކަކީ ހިތާމަކުރާ މަންޒަރުތަކެއް ކަމަށެވެ.
ޑިމޮކްރަސީއެއްގައި ނުފޫޒުން ސަލާމަތްވެފައިވާ ހަރުދަނާ ގާނޫނު ހަދާ މަޖިލީހަކީ އެންމެ މުހިންމު އެއް މަސްދަރު ކަމަށާއި ރާއްޖޭގެ ގާނޫނު ހަދާ މަޖިލިސް ނުފޫޒުތަކުން ސަލާމަތްކުރުމަށް ކެޝަޕް ވަނީ ދިވެހި ސަރުކާރަށް ގޮވާލާފައެވެ.
އަދި ދިވެހި ރާއްޖޭގެ ރައްޔިތުންނާއެކު އެމެރިކާ އަބަދުވެސް އޮންނާނެ ކަމަށާއި ޑިމޮކްރަސީ ގާއިމުކޮށް ކުރިއަށް ގެންދިއުމަށް ދިވެހިން ކުރާ މަސައްކަތަށް އަބަދުވެސް އެމެރިކާއިން ސާބިތުކަން ދޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
މިހާރަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަނީ މަޖިލިސް ތަޅުމުގައި ގިނަ އަދަދެއްގެ ސިފައިން މަޖިލީހުގެ ރައީސް ގާޑު ކުރަން ބައިތިއްބައިގެންނެވެ. އަދި ތިން މެމްބަރަކު ވަނީ ކޮމިޓީ ބައްދަލުވުމަކަށް ވަންނަން އުޅުމުން ސިފައިން އެކަމަށް ހުރަސްއެޅި މައްސަލަ ބަލައިދިނުމަށްވެސް އެދިފައެވެ.