ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ބައްދަލުކޮށްލެއްވުމަށް ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން މާފުށި ޖަލަށް ވަޑައިގެންފިއެވެ.

މައުމޫން މާފުށީ ޖަލަށް މިއަދު ވަޑައިގެންފައިވާއިރު ފާރިސް އާއި ބައްދަލުވި ކަމެއް މިހާތަނަށް ކަށަވަރު ވެފައެއް ނުވެއެވެ. ރައީސް މައުމޫން ވަނީ ކޮއްކޯފުޅު، ރައީސް ޔާމީނަށް ކުރެއްވި އިތުބާރު އަނބުރާ ނަންގަވައި އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެން މަސައްކަތް ފައްޓަވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓާއި ގުޅިގެން މެމްބަރުންނަށް ރިޝްވަަތު ދިން ކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް، މައްސަލައިގެ ޝަރީއަތް ނިމެންދެން ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ނަމަވެސް ފާރިސް ވަނީ ރިޝްވަތު ދީފައިނުވާނެ ކަމަށާއި ހެއްކެއް ވެސް ނުފެންނާނެ ކަމަށް އެކި ފަހަރު މަތިން ވަރަށް ޔަޤީން ކަމާއެކު ވިދާޅުވެފައެވެ. ފުލުހުން ވަނީ ފާރިސްގެ ހައްޔަރާއި ގުޅިގެން ބޭނުންވާ ހެކި ފެނިފައިވާ ކަމަށް މީގެ ކުރިން ބުނެފައެވެ.
ކޯޓު އަމުރެއްގެ ދަށުން ފާރިސް ދިރިއުޅުއްވި ގެ ބަލައި ފާސްކުރުމަށްފަހު ފާރިސް ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގައެވެ.