ކްރިމިނަލް ކޯޓު ރޫމްތެރޭގައި ހުންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓި އިމަޖެންސީގައި ފަރުވާ ދެމުންދާ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރ އަދި ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްއަށް އަވަސް ފަރުވާ ނުލިބިއްޖެނަމަ ފުރާނައަށް ނުރައްކާ ކަމުގެ އިންޒާރު އައިޖީއެމްއެޗްއިން ދީފިއެވެ.
Hon Gasim advised to get urgent treatment abroad. "Further delay may results in life threatening arrhythmia". Courts must release PP now! pic.twitter.com/UoeyvF2tLu
— Hussain Shameem (@HuShameem) August 24, 2017
ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ އިތުބާރުހުރި ހިތުގެ ޑޮކްޓަރ ޑރ. އަލީ ޝަފީގް ވިދާޅުވީ ހިތުގެ މުހިއްމު ދެ ޓެސްޓެއް މިހާރުން މިހާރަށް ހަދަން ޖެހޭ ކަމަށާއި އެޓެސްޓްތައް ރާއްޖޭން ހެދެން ނެތްކަމަށެވެ.
ޑޮކްޓަރު ވިދާޅުވެފައިވާ ދެ ޓެސްޓަކީ އިލެކްޓްރޮފިޒިއޮލޮޖީ ސްޓަޑީޒް (އީޕީއެސް) އާއި ރޭޑިއޯފްރެކްއެންސީ އެބްލޭޝަން (އާރުއެފްއޭ) އެވެ. މި ދެ ޓެސްޓް ނުހަދައި އެކަށީގެންވާ ފަރުވާއެއް ނުދެވޭއިރު، ފަރުވާ ދެއްވުން ލަސްކޮށްފި ނަމަ ގާސިމްގެ ހިތުގެ ވިންދު ގޯސްވެ، ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ޑޮކްޓަރުގެ ލިޔުމުގައި ބުނެފައިވެ އެވެ.
ގާސިމް މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން އައިސީޔޫގައި ވަނީ ފަރުވާ ދީފައެވެ. އަދި އެދެފަހަރުގެ އީސީޖީންވެސް ގާސިމްގެ ސިއްހީ ހާލު ރަނގަޅު ނޫންކަން ޑރ. އަލީގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.
މަޖްލިސް މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުގައި ގާސިމްގެ މައްޗަށް ޝަރީއަތް ފަށާފައިވާއިރު ގާސިމްގެ ޕާސްޕޯޓް ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައެވެ.