އައްޑޫގައި ބާއްވާ ފުރަތަމަ މެރަތަން މިރޭ ފަތިހު 3 ޖަހާއިރު ފެށުމަށް ތައްޔާރުވެއްޖެއެވެ.
އައި ރަނާސްއިން އިންތިޒާމް ކުރާ މި ދުވުން ފަށާނީ ފަތިހު 3 ޖަހާއިރު އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރ (އީސީސީ) ކުރިމަތިންނެވެ. އޭގެ ފަހުން ފަތިހު 5:30ގައި ހާފް މެރަތަންގެ ދުވުންތެރިން ދުވަން ފަށާނެއެވެ.
އީސީސީ ކުރިމަތިން 10 ކިލޯ މީޓަރ ދުވުން ހެނދުނު 6 ޖަހާއިރު ފަށާއިރު ހެނދުނު 7 އިން ފެށިގެންދާނީ 5 ކިލޯ މީޓަރ ދުވުމެވެ.

ކުޑަކުދިންނަށް އަމާޒުކޮށްގެން ބާއްވާ 2 ކިލޯ މީޓަރ ދުވުން ފަށާނީ ހެނދުނު 8:30ގައެވެ.
އައްޑޫ މެރަތަންގެ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 9:30 ގައި އީސީސީ ކުރިމަތީގައެވެ.
މާދަމާގެ ދުވުމުގައި އައްޑޫ އާއި މާލޭގެ ގިނަ އަދަދެއްގެ ދުވުންތެރިން ބައިވެރިވެއެވެ. އެގޮތުން ދުވުމުގައި ބައިވެރިވާ ގިނަ ބަޔަކު ވަނީ މިއަދު އައްޑޫއަށް އައިސްފައެވެ. މީގެތެރެއިން ގިނަ ދުވަުންތެރިން އައްޑޫއަށް ޒިޔާރަތްކުރި މިއީ ފުރަތަމަ ފަހަރެވެ.
އައްޑޫ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅު އައްޑޫ މެރަތަންގެ ސަބަބުން ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ.
އައި ރަނާސްގެ ފައުންޑަރ ހުސެއިން ޝުޖާއު ބުނީ "އައްޑޫ މެރަތަން" މެދު ނުކެނޑި އައްޑޫގައި ކޮންމެ އަހަރަކު ބާއްވަން ނިންމާފައިވާ ކަމަށާއި، މި އިވެންޓަށް އައްޑޫ ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.
އައި ރަނާސްއިން "އައްޑޫ މެރަތަން" ބާއްވާއިރު މިއަހަރު ފެބްރުއަރީ މަހުން ފެށިގެން ދުވުންތެރިންނަށް އަމަޒުކޮށްގެން ޓެރެއިނިން ޕްރޮގްރާމް ވަނީ ހިންގަން ފަށާފައެވެ. މިއަދާއި ހަމައަށް ގިނަ ބަޔަކު ވަނީ އައި ރަނާސް އާއި ގުޅި ދުވަން ފަށާފައެވެ.
އައްޑޫ މެރަތަންގެ މެއިން ސްޕޮންސަރަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަމުން އަންނަ "ފީލް މޯލްޑިވްސް"އެވެ. ކޯ ސްޕޮންސަރުންނަކީ އެމްޕީއެލްގެ އިތުރުން އެމްޓީސީސީއެވެ. ސްޕޯޓްސް ޕާޓްނާ އަކީ ފަލަކް ސްޕޯޓްސްއެވެ. އެކްސްޕޯ އަދި ރިވޯޑިން ޕާޓްނާއަކީ ޕާން ޕިނޯސްއެވެ. ހެލްތު ޕާޓްނާއަކީ އައިއެމްޑީސީއެވެ. މެރަތަންގެ މީޑިއާ ޕާޓްނާއަކީ އައްޑޫލައިވްއެވެ.