ކްރިމިނަލް ކޯޓުން މިރެއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ޝަރީޢަތުގެ އަޑުއެހުމެއް ތާވަލް ކުރުމާއި ގުޅިގެން ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުޢޫދުގެ ފާޑުކިޔުންތައް އެ ކޯޓަށް އަމާޒުވެއްޖެއެވެ.
ސުޢޫދުގެ ކްރިމިނަލް ކޯޓަށް ފާޑު ވިދާޅުވެފައި ވަނީ، ޤާސިމްގެ ސިއްހީ ހާލުކޮޅު ގޯސްވެ އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މިރޭ ކޯޓަށް ހާޒިރުވުމަށް އެންގުމުން ކުރެއްވި ޓްވީޓެއްގައެވެ.
ސުޢޫދުގެ ޓްވީޓުގައި ވަނީ، ކްރިމިނަލް ކޯޓުން މިރޭ ގާސިމަށް ހުކުމް ނުކޮށްފި ނަމަ އުޑު ބޮލަށް ވެއްޓިދާނެތޯ ސުވާލު އުފައްދަވާފައެވެ.
"ކްރިމިނަލް ކޯޓުން މިއުޅެނީ މިރޭ ގާސިމަށް ހުކުމް ނުކޮށްފިއްޔާ އުޑު ބޮލަށް ވެއްޓިދާނެތީ ތަ؟"
ގާސިމްގެ ސިއްހި ހާލުކޮޅަށް ބެއްލެވުމެއްނެތި ކްރިމިނަލް ކޯޓްގައި ގާސިމްގެ މައްސަލަ ބައްލަވާ ފަނޑިޔާރު އަމަލުކުރައްވާ ގޮތާއިމެދު ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަދި އަވަސް އަރުވާލައިގެން ގާސިމް އިބްރާހިމްގެ ޝަރީއަތް ކުރިއަށް ގެންދަނީ މައްސަލަ ބައްލަވާ ފަނޑިޔާރަށް ކޮންމެ މަޖުބޫރުކަމެއް އޮވެގެންތޯ ވެސް ގިނަ ބަޔަކު ދަނީ ސުވާލުކުރަމުންނެވެ.