މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ(މީރާ)ގެ ތެރެއިން މައްސަލަ އެއް ދިމާވެގެން ކޯޓަށް ގެންގޮސްފި ނަމަ "ބޮލަށް އެނބުރުން އަރާނެ" ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
މިރޭ ޕީޕީއެމްގެ ފަރާތުން މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، ކޯޓަށް ގެންގޮސްފި ނަމަ ބޮލަށް އެނބުރުން އަރާނެ ކަމަށާއި ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާ ވެސް ދޭނެ ކަމަށެވެ.
ފަލާހު ވިދާޅުވި ގޮތުގައި ގޮނޑީގައި އިންނަވާފައި އެބޭފުޅާ ވެސް ހަމަ ވެއްޓި ވަޑައިގަންނަވާނީ ކަމަށެވެ.
"އަޅުގަނޑަށް ވެސް މީރާ ތެރެއިން މައްސަލައެއް ދިމާވެގެން ކޯޓަށް ގެންގޮސްފިއްޔާ އެނބުރުން އަރާނެ. ބޮލަށް [އެނބުރުން] އަރާނެ. އިނގޭތޯ އަރާނެ. ޑޮކްޓަރުން ލަފާ ވެސް ދޭނެ ބޭރަށް ގެންދަން.އައިސީޔޫ އަށް ލާނެ. އަނެއްތާކަށް ވެސް ލާނެ. ޑޮކްޓަރުން ލަފާ ވެސް ދޭނެ. ހަމަވެއްޓޭނީ ގޮނޑީގައި އިނދެފައި"
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ނަން ވިދާޅު ނުވި ނަމަވެސް ފަލާހުގެ ފާޑުކިޔުންތައް ނުސީދާ ގޮތެއްގައި އަމާޒުކުރައްވާފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކަމަށް ބެލެވެއެވެ.
ގާސިމް އިބްރާހިމް މިއަދު ކްރިމިނަލް ކޯޓުގައި އިންނަވަނިކޮށް އަނބުރައިގަނެގެން ކޯޓު ތެރެއަށް ވެއްޓި ވަޑައިގަތުމާއި ގުޅިގެން އައިޖީއެމްއެޗަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.
ގާސިމް އިބްރާހިމްގެ ހާލުކޮޅު ގޯސްވެ ރާއްޖެއިން ބޭރުން ފަރުވާ ހޯއްދެވުމަށް ޑޮކްޓަރުން އިރުޝާދު ދެއްވި ނަމަވެސް އެބޭފުޅާގެ ޕާސްޕޯޓް ހިފަހައްޓާފައި ވާތީ ބޭސްފަރުވާ އަށް ވަނީ ހުރަސް އެޅިފައެވެ.