Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

"ހަތަރު އިމާމުންގެ ޢަޤީދާ" ދަރުސް މިރޭ ހިތަދޫ ކެމްޕަހުގައި

އެމްއެންޔޫ ހިތަދޫ ކެމްޕަސް. އައްޑޫލައިވް ފޮޓޯ: ނަރީޝް މޫސާ

"ހަތަރު އިމާމުންގެ އަޤީދާ"ގެ ނަމުގައި ބާއްވާ ޚާއްސަ ދަރުހެއް މިރޭ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ހިތަދޫ ކެމްޕަހުގައި އޮންނާނެއެވެ.

ނޫރުލްއިސްލާމް ޖަމްޢިއްޔާއާއި ޖަމްޢިއްޔަތުއްސަލަފް ގުޅިގެން ބާއްވާ ޚާއްޞަ ދަރުސް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 8:45 ގައެވެ.

ނޫރުލް އިސްލާމް ޖަމިއްޔާއިން މައުލޫމަތު ދެއްވާ ގޮތުގައި މި ދަރުސް ދެއްވާނީ ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ޑީން، ފަޟީލަތުއްޝައިޚް ޑރ. ޢަލީ ޒާހިރު ސަޢީދު ޤާސިމް އާއި، ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ލެކްޗަރަރ ފަޟީލަތުއްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް އެވެ.

މި ދަރުސްގެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން މީގެ ކުރިންވެސް ޖަމްޢިއްޔަތުއްސަލަފްގެ ޓީމެއް އައްޑޫއަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި އެ ޖަމިއްޔާގެ އޮޕަރޭޝަންސް މެނޭޖަރ ޢަލީ ރަމީޒު މިހާރު ވެސް ގެންދަވަނީ އައްޑޫ ގައި ހަރަކާތްތެރިވަމުންނެވެ.

މިދަރުސް އަޑުއެއްސެވުމަށް ވީހާވެސް ގިނަ ބޭފުޅުން ޤައުމީ ޔުނިވާސިޓީގެ ހިތަދޫ ކެމްޕަސް އަށް ވަޑައިގެން ދެއްވުމަކީ އިންތިޒާމު ކުރާ ފަރާތްތަކުގެ އެދުމެކެވެ.

މިދަރުސް އަކީ ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިލްސިލާކޮށް ބާއްވަމުންދާ ދަރުސްތަކުގެ ތެރެއިން މި މައުޟޫޢުގެ ދެވަނަ ދަރުހެވެ. މި ސިލްސިލާގެ ފުރަތަމަ ދަރުސް ވަނީ ޖުލައި 14 ވަނަ ދުވަހުގެރޭ މާލޭގައި ބާއްވާފައެވެ.