ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ދައުވާ ސާބިތުވެ 3 އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ޖުމްހުރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރ ގާސިމް އިބްރާހިމްގެ މައްޗަށް ރޭ ދަންވަރު ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި އެމަނިކުފާންގެ ބޭސް ފަރުވާގެ ކަންކަން ފުރިަމަ ކުރުމަށް ދައުލަތުގެ މައްޗަށް ހުކުމްކޮށްފިއެވެ.
އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖްލިސްގައި ހުންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓި އިމެޖެންސީގައި ފަރުވާ ދެމުން ދަނިކޮށް ރޭ ގާސިމްގެ މައްޗަށް ހުކުމް ކުރީ އެމަނިކުފާންގެ ޢައިރު ހާޒިރުގައެވެ.
ރޭ 11 ޖެހި އިރު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގައި ގާސިމްގެ މައްޗަށް ކުރި ހުކުމުގައި ގާސިމްގެ ބޭސް ފަރުވާގެ ކަންކަން ހަމަޖެއްސުމަށާއި ބޭސްފަރުވާއަށް ގާސިމް ބޭރަށް ފޮނުވުމަށް ދައުލަތުގެ މުއައްސަސާ ތަކުގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ.
ހުކުމުގައި ބުނެފައިވަނީ ގާސިމްގެ މައްޗަށް ސާބިތުވާ ކުށުގެ އަދަބު ތަންފީޒު ކުރަމުންދިޔަ ނަމަވެސް ކުށުގެ އަދަބު ތަންފީޒު ކުރުމަކީ ރާއްޖެއިން ބޭރުން ހެދުމަށް ގާސިމް ބެއްލެވި ޑޮކްޓަރު ލަފާދެއްވާފައިވާ ޓެސްޓުތައް ހެދުމާއި ލިބެންޖެހޭ ފަރުވާ ގާސިމް އިބްރާހީމަށް ލިބުމަށް އޮތް ހުރަހަކަށްވެގެން ނުވާނެ ކަމުގައެވެ.
ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ތުހުމަތު ކުރީ އެމަނިކުފާން ޖުމްހުރީ ޕާޓީގެ ޖަގަހަ ކުނޫޒްގައި ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ.