Last Updated: June 22, 17:33
Monday, June 22, 2026
ޚަބަރު

"އައްޑޫ މެރަތަން" ޖޯޝާއި ފޯރީގައި ނިންމާލައިފި

އައްޑޫގައި ބޭއްވި ފުރަތަމަ މެރަތަން "އައްޑޫ މެރަތަން" ބައިވެރިން ޖޯޝާއި ފޯރީގައި މިއަދު ހެނދުނު ނިންމާލައިފިއެވެ.

ފީލް މޯލްޑިވްސްއިން މެއިން ސްޕޮންސާރ ކޮށްފައިވާ މި މެރަތަން ފެއްޓީ ރޭ ފަތިހު 3 ޖެހިއިރުއެވެ. ބޯ ކޮށް ވާރޭ ވެެހެމުން ދިޔަ ނަމަވެސް މި އިވެންޓްގައި ބައިވެރިވި ހުރިހާ ދުވުންތެރިންވެސް ވަނީ ދުވުން ތައް ފުރިހަމަކޮށްފައެވެ.

މެރަތަން، ހާފް މެރަތަން، 10 ކިލޯ މީޓަރ އަދި 5 ކިލޯ މީޓަރގެ އިތުރުން ކުޑަކުދިންނަށް ހާއްސަކޮށްގެން ބޭއްވި 2 ކިލޯ މީޓަރ ދުވުންތައްވެސް ކުރިއަށް ދިޔައީ ވަރަށް ވާދަވެރި އެހާމެ، ޖޯޝާއި ފޯރީގައެވެ.

ދުވުންތެރިން ދުވާ މަންޒަރު ބެލުމަށާއި ހިތްވަރު ދިނުމަށް ބޯ ވާރޭގައި އެތައް ބަޔަކު ވަނީ އީސީސީ ސަރަހައްދަށް ޖަމާވެފައެވެ.

އައްޑޫ މެރަތަން ކާމިޔާބް ކަމާއިއެކު ނިންމާލިއިރު މި އިވެންޓަކީ މިފަދަ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ، އެއްވެސް ކަހަލަ ބޮޑު މައްސަލައެއް ދިމާ ނުވެ ނިންމާލެވުނު އިވެންޓެކެވެ. މިއިވެންޓް ކާމިޔާބް އިވެންޓަކަށް ހެދުމަށް ދުވުމުގައި ބައިވެރިވި ހުރިހާ ދުވުންތެރިންވެސް ވަނީ ވަރަށް ބޮޑު އެއްބާރުލުމެއް ދީފައެވެ.

ދުވުން ކުރިއަށް ދިޔަ ވަގުތު މޯލްޑިވްސް ޕޮލިސް ސާވިސްގެ ފުލުހުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި ދުވުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން ހަރަކާތްތެރިވެފައިވަނީ ވަރަށް ޕްރޮފެޝަނަލް ކަމާއިއެކު ކަން ދުވުންތެރިންނާއި މިއިވެންޓް ބަަލަން ދިޔަ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.


މީގެ އިތުރުން ދިވެހި ރެޑް ކްރަސެންޓްގެ ދަރުމަވެރިންނާއި ހިތަދޫ ހޮސްޕިޓަލް އަދި އައިއެމްޑީސީގެ އިތުރުން އެމްއެންޑީއެފް ސ. ގަމުގައި ތިއްބަވާ ސިފައިންގެ ފުރިހަމަ އެއްބާރުލުން މިއިވެންޓަށް ލިބިގެންދިޔައެވެ.

އިވެންޓް ކުރިއަށް ދިޔައިރު އައްޑޫ ހައިސްކޫލްގެ 80 ވޮލަންޓިއަރުން ވަނީ ދުވުމުގެ ހުރިހާ އިންތިޒާމްތަކެއް ފުރިހަމަ ކުރުމަށް ބުރަކޮށް މަސައްކަތްކޮށްފައެވެ. އެގޮތުން މުޅި އިވެންޓް ބޮޑު މައްސަލައެއް ކުރިމަތި ނުވެ ނިންމާލުމުގައި މިކުދިންގެ ހުނަރުވަނީ ފެނިގެން ގޮސްފައެވެ.

އެތައް ބައެއްގެ އެހީތެރިކަމާއި އެކު "އައްޑޫ މެރަތަން" ހަގީގަތަކަށްވެގެން ދިޔައިރު "އައި ރަނާސް" ޓީމް ފެނިގެން ދިޔައީ ވަރުބަލިކަމެއް ނެތި ހީވާގި ކަމާއި އެކު މި މެރަތަން ކާމިޔާބް އިވެންޓަކަށް ހެދުމަށް ބުރަކޮށް މަސައްކަތް ކުރިތަނެވެ. "އައްޑޫ މެރަތަން" އަސްލު ގޮތުގައި ގެނެސްދިނީ މި ހީވާގި ޓީމުންނެވެ.

"އައްޑޫ މެރަތަން" ކާމިޔާބް ކަމާއިއެކު ނިންމާލުމުގައި ފީލް މޯލްޑިވްސް އާއި އެމްޓީސީސީ އަދި އެމްޕީއެލްގެ އިތުރުން ޕާން ޕިނޯސް އަދި ފަލަކް ސްޕޯޓްސްއިން ވެދެއްވި އެހީތަކަކީ ވަރަށް ފުރިހަމަ އެހީތަކެކެވެ. ހާއްސަކޮށް އައި ރަނާސްއަށް އެ ފަރާތްތަކުން ކުރީ ވަރަށް ބޮޑު އިތުބާރެކެވެ. އެހުރިހާ ފަރާތްތަކަށް އައި ރަނާސްގެ އިތުރުން އައްޑޫ ރައްޔިތުންގެ ނަމުގައި ޝުކުރާއި އައްސަރިބަސް ރައްދުކުރެއެވެ.