ރިޝްވަތު ދެއްވިކަމުގެ ދައުވާ ސާބިތުވެ 3 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޖުމްހުރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރ ގާސިމް އިބްރާހިމްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އެކޯޓުން މިއަދު ބާޠިލް ކޮށްފިއެވެ.
ގާސިމްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރު ބާޠިލް ކުރީ ރޭ ދަންވަރު ގާސިމްގެ މައްޗަށް ކުރި ހުކުމުގައި ގާސިމްގެ ބޭސްފަރުވާގެ ކަންކަން ޑޮކްޓަރުންގެ އިރުޝާދާއި އެއްގޮތަށް ކުރުމަށް ދައުލަތުގެ މައްޗަށް ހުކުމްކުރުމަށް ފަހުއެވެ.
ގާސިމްގެ އައިރު ހާޒިރުގައި ރޭ ދަންވަރު ކުރި ހުކުމްގައި ބުނެފައިވަނީ ގާސިމްގެ މައްޗަށް ސާބިތުވާ ކުށުގެ އަދަބު ތަންފީޒު ކުރަމުންދިޔަ ނަމަވެސް ކުށުގެ އަދަބު ތަންފީޒު ކުރުމަކީ ރާއްޖެއިން ބޭރުން ހެދުމަށް ގާސިމް ބެއްލެވި ޑޮކްޓަރު ލަފާދެއްވާފައިވާ ޓެސްޓުތައް ހެދުމާއި ލިބެންޖެހޭ ފަރުވާ ގާސިމް އިބްރާހީމަށް ލިބުމަށް އޮތް ހުރަހަކަށްވެގެން ނުވާނެ ކަމުގައެވެ.
ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ތުހުމަތު ކުރީ އެމަނިކުފާން ޖުމްހުރީ ޕާޓީގެ ޖަގަހަ ކުނޫޒްގައި ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ.