ޖެންޑަރ މިނިސްޓްރީން ކުރިއަށް ގެންދިޔަ 'ޓްރެއިނިން އޮފް ޓްރެއިނާސް އޮން ޖެންޑަރ' ޕްރޮގްރާމް ނިންމާލައިފި އެވެ.
އޭޝިއަން ޑިވެލޮޕްމެންޓް ބޭންކްގެ އެހީއާއި އެކު ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި 22 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން އޭގެ ތެރޭގައި ދައުލަތުގެ އެކިއެކި އިދާރާތަކާއި ކުންފުނިތަކަށް ނިސްބަތްވާ ފަރާތްތައް ހިމެނެއެވެ.
އޮގަސްޓް މަހުގެ 8 އިން 14 އަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގެ މަޤްސަދަކީ ދައުލަތުގެ މުއައްސަސާތަކަށް ޖެންޑަރ އާއި ގުޅޭ މައްސަލަތަކާއި ބެހޭ މަޢުލޫމާތު ދިނުމުގެ އިތުރުން އެ މުއައްސަސާތަކުގައި ޖެންޑަރ ގެ ހޭލުންތެރިކަން އިތުރުކުރުމަށް ހަރަކާތްތެރިވެވޭނެ ޤާބިލް ޓްރެއިނަރުން ބިނާ ކުރުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެގޮތުން ޕްރޮގްރާމްގެ ބައިވެރިންނަށް ޖިންސީ ތަފާތުކުރުންތަކަކީ މުޖުތަމަޢުގައި އަށަގަނެފައިވާ ޤަބޫލްކުރުންތަކެއްްގެ ސަބަބުން އަށަގެންފައިވާ އާދަތަކެއް ކަމާއި، 'އަންހެން-ފިރިހެން' ތަފާތުކުރުންތަކުގެ ސަބަބުން މުޖުތަމަޢު އަށް ނޭދެވޭ އަސަރުތައް ކުރާ މިންވަރާއި، އެ ތަފާތުކުރުންތަކުގެ ސަބަބުން ގެއްލިފައި އަދި ނިގުޅައިގަނެވިފައިވާ އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމަށްޓަކައި ރާއްޖޭގައި ހެދިފައިވާ އަދި މުރާޖާކުރެވިފައިވާ ޤާނޫންތަކުގެ އިތުރުން ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ބެހޭގޮތުން މަޢުލޫމާތު ވަނީ ދެވިފައެވެ.