ހަނގުރާމަވެރި ހަތިޔާރު އެތެރެކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ މައްސަލައިގެ އަޑީގައި ހުންނެވީ ރައީސް އަބްދުﷲ ޔާމީން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ތުހުމަތު ކުރައްވައިފިއެވެ.
ރާއްޖެޓީވީ އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ، ނާޒިމްގެ މައްސަލައިގައި ރައީސް ޔާމީންގެ އެއްވެސް ހަމްދަރުދީ އެއް ނެތީ އެކަމުގެ އަޑީގައި ހުންނެވުމުން ކަމަށެވެ.
"ކާނަލް ނާޒިމް މައްސަލައިގައި އަޅުގަނޑުމެން އެންމެންގެ އިނގިލި އަމާޒުވެފައި މިހިރީ އަދީބާއި ދިމާލަށް ނަމަވެސް އެހުރިހާ ކަމެއް އެނގިވަޑައިގެން ހުންނަވައި މިއަދު ރައީސް ޔާމީން ނާޒިމްގެ މައްސަލައިގައި އެއްވެސް ހަމްދަރުދީއެއް ނެތުމަކީ އެކަމުގެ ސީދާ އަޑީގައި ހުރި މީހަކީ ރައީސް ޔާމީން ކަމަށް ވާތީ."
މަހްލޫފް ވިދާޅުވި ގޮތުގައި ނާޒިމްގެ މައްސަލައިގައި އެންމެންގެ އިނގިލި އަދީބަށް ދިމާކުރި ނަމަވެސް އެ މައްސަލައިގެ ހުރިހާ ކަމެއް ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން މަހްލޫފް ވިދާޅުވި މައްސަލަ އަކީ ރައީސް ޔާމީން ކަމަށާއި އަދީބު ކުރެއްވި ހުރިހާ ކަމަކީ ސީދާ ރައީސް ޔާމީނަށް އެނގިވަޑައިގެން ކުރެއްވި ކަންތައް ކަމަށެވެ.
އެހެން ނަމަވެސް މިއަދު ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވަނީ، އަދީބުގެ ބޮލަށް ހުރިހާ ކަމެއް ކަނޑުއްވާލާފައި ރެކިވަޑައިގަތުމަށް ކަމަށް މަހްލޫފް ވަނީ ފާހަގަކުރައްވާފައެވެ.