Last Updated: May 9, 23:24
Friday, May 10, 2024
ރިޕޯޓް

ފިރިހެނަކު ފިރިހެނަކާ ދިމާލަށް ފިނިފެންމަލެކޭ ބުނީމާވެސް އަތްޖަހަނީއެވެ.

eligible

މުސްތަޝާރު އޮޅީގެ ކުދީން މިހާރު ހޭވައްޓާލާފައި ކުރާ މަސައްކަތަކީ އަތްޖެހުމެވެ. މިކަމުގައި ހަމައެެއް ލަމައެއް ތަރުތީބެއް ނެތެވެ. މިއޮޅީގެ ވެރިޔާއާއި އޭނާގެ އެހީތެރީން ކުރާ ކަންކަމުގައިވެސް ހަމައެއް ލަމައެއް ނޯންނަ ބީދައިން އަތްޖެހުމުގައިވެސް ވައްޓަފާޅިޔެއް ނެތީއެވެ.

ވައްކަމުގައި ބައިވެރިވީމޭ ބުންޏަސް އަތްޖަހަނީއެވެ. ބޯގޮވައިފިޔޭ ބުންޏަސް އަތް ޖަހަނީއެވެ. ފިރިހެނަކު ފިރިހެނަކާ ދިމާލަށް ފިނިފެންމަލެކޭ ބުންޏަސް އަތްޖަހަނީއެވެ. ފައިސާއޭ ފައިސާއޭ މީހަކު ކިޔާ އަޑުއިވޭއިރަށް އަތްޖެހެނީއެވެ. ފައިސާކޮޅެއް ފެންނައިރަށް އަތްޖެހެނީއެވެ. ނިދީގައިވެސް އޮންނަނީ އަތްޖެހުމެވެ. މުޅީންވެސް އަތްޖެހުމެވެ. މިކަން ބައްޔަކަށްވެސް ބަދަލުވެއްޖެއެވެ. ދުރުތިބީން ލަދުން ބޯހަލާކުވަނީއެވެ. މިހިރީ ގައުމެއްގެ ވެރިކަމާ ހަވާލުވެގެން ތިބި އޮޅިއެއްގެ ހާލަތެވެ.

މިވަރަކުން މިވެރީން އަތްޖަހަނީ ހިތަށްއަރާ އެއްޗަކުންނެވެ. ރިޒްގު ކަށަވަރުވުމާއި ނަސީބު ތިލަވެގެން އައުން އޮތީ އަތްޖެހުމާ ގުޅިފަޔޭ ހީވަނީއެވެ. މިވަރަށް އަތްޖަހާއިރު ވެރިމީހާގެ މިޒާޖުން ފައުޅުވެ ސާފުވާ ވަރަށް ބޮޑު ހަގީގަތަކަށް މިވެރީން ނުބަލައެވެ. ވެރިމީހާގެ ހަމަޔަކީ ގުއިފޮހޭ ކަރުދާހާއި ތުންފޮހޭ ކަރުދާހުގެ ހަމައެވެ. މުހުތާދު އައީމާ ބޭނުންކޮށްފައި އެއްލައިލުމުގެ ހަމައެވެ. އަދީބަކަސް ޒިޔަތަކަސް ޖަލީލަކަސް ޖަނގިޔާ ނާޒިމަކަސް ތަފާތެއް ނުކުރެއެވެ. އެމީހެއްގެ ފަރާތުން ކުރެވޭންއޮތް ކަމެއް ނިމުނީމާ ދެންއެވީ އެއްލައިލާށެވެ. މިކަމުގެ ރިވެތި ސާފު މިސާލުތައް ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ވަރަށް ގިނައިން ފެނިފައިވެއެވެ. އެކަމަކު ކައިރީގައި އެނބުރޭ ހަމަކޮންމެ މީހަކަށް ހީވަނީ މި ހަމައިން ތިމަންނާ އިސްތިސްނާ ވާނެކަމުގައެވެ.

މީސްމީހުންގެ މިޒާޖާއި ތޮބީއަތަކީ ބަދަލުވާ އެއްޗެއް ނޫނެވެ. އަތްޖަހާ އޮޅީގެ ވެރިޔާގެ މިޒާޖާއި ތޮބީއަތު ބަދަލުވެދާނެޔޭ ގުއިފޮހޭ ކަރުދާހުގެ ހަމައިން ތިމަންނާ އިސްތިސްނާ ކުރާނެޔޭ ތިމަން މިއީ ލައްކައެކޭ ހީކުރާ މީހާ އެހުންނަނީ ވަރަށް ބޮޑު ކުށްހީއެއްގައެވެ. އެމީހެއްގެ ފަރާތުން ފުދޭން އޮތް ބޭނުމެއް ފުދުނީމާ ދެން ލަހެއްފަހެއްވެސް ނެތި ނަގައި އެއްލައިލާނެއެވެ. އެއީ ކަށަވަރު ކަމެކެވެ. އެހިސާބަށް ދެވެންދެން ވަރަށް ގާތްކަމަށް ހީވާނެއެވެ. ތިޔައީ ޖަވާހިރެކޭވެސް ބުނާނެއެވެ. އަދީބަކީ މިގައުމުގެ ޚާލިދު ބިން ވަލީދޭވެސް ބުނި ފަދައިންނެވެ.

އެ އަދީބު މިހާރު ހުރިތަނަކާއި ހާލަތު އަހަރެން ކޮންމެހެން ލިޔާކަށް ނުޖެހޭނެއެވެ. އެންމެންނަށްވެސް އެބަފެނެއެވެ. އަދީބުގެ އެރުމާއި ވެއްޓުން އަދި މެންބަރު ނާޒިމުގެ އެރުމާއި ވެއްޓުމަކީ ބުއްދިވެރީންނަށް ވަރަށް ރަނގަޅު ފިލާވަޅެކެވެ. ޖަވާހިރުގެ ވާހަކަ ލިޔެވުނީމާ ކުއްލިއަކަށް ހަނދާނަށް އައީ އައްޑޫ ދެ މީހެއްގެ ނަމެވެ. އަތްޖަހާ އޮޅީގެ ކޮންމެވެސް ކުއްޖަކު އިހަށްރޭ ކޮންމެވެސް ހަރުގެޔެއްގައި ވާހަކަ ދައްކަމުން ބުންޏޯލައެވެ. މިވެނި ދާއިރާތަކެއްގެ އެވެނި ދެ މީހުންނަކީ އަގުމާތް ޖަވާހިރުންނެވެ. މިއަޑު އަހާފައިވެސް އޮޅީގެ ކުދީން އަތްޖެހީއެވެ. އަހަރެންގެ ހިތުގައި ޖެހުނެވެ. މިއީ ދެން ކިހާބޮޑު މަލާމާތެއް ބާވައެވެ. ތައުރީފުކުރާން އުޅެގެންވެސް ކުރެވެނީ މަލާމާތެކެވެ.

ޖަވާހިރޭ ކިޔައިގެން މިސާލުޖަހައި އުޅެނީ ފިސާރި އޮއްޓަރު ހުންނަ ތަކެއްޗަށެވެ. ހުރިހާގޮތަކުންވެސް ވިދުންގަދަ ހަރުދަނާ ތަކެއްޗަށެވެ. އެއެއްޗެއް ލިބުނީމާ އެޔަށް ފަޚުރުވެރިވެވޭ ބަރޯސާކުރެވޭ އަދި އޭގެ މޮޅުކަމާމެދު ޝައްކެއްވެސް ނުއުފެދޭ ތަކެއްޗަށެވެ. މީހުންގެ ތެރެއިން ޖަވާހިރޭ ބުނެވެނީ އިލްމާއި ހުނަރުން ފުރިގެންވާ ލާމަސީލު މީހުންނަށެވެ. ޕްރޮފެސަރު އުގައިލާއި ޑރ އަހުމަދު އަންވަރާއި ޑރ އަލީ ޝަފީގަކީ އިލްމާއި ހުނަރާއި ޚިދުމަތުގެ ގޮތުން އައްޑޫގެ ޖަވާހިރުންނޭ ބުނެވިދާނެއެވެ. އެބުނުން މަލާމާތަކަށްވެސް ނުވާނެއެވެ. އެހެނީ އެއީ ދެމީހަކު ދެބަސްނުވާ ހަގީގަތެކެވެ.

އަތްޖަހާ އޮޅީގެ ކުދީން މިސާލުޖެހުމުގައި މިގެންގުޅޭ ހަމަޔަކީވެސް ނިކަން ޒާތެއްގެ ހަމައެކެވެ. އެހެންވެގެންތާއެވެ. މިއޮޅީގެ ފިރިހެނަކަށް ނިސްބަތްކޮށްފައި އެއީ ފިނިފެންމަލެކޭ އެމަލުން އަރާމު ލިބިގަންނާށޭ ކޮންމެވެސް މީހަކު ބުނެފިއެވެ. މިއަޑު އިވުނު ކުދީންވެސް އަތްޖެހީއެވެ. މަމެން ތިބީ ލަދުން މޫނުގައި އަތްއަޅައިގެންނެވެ. ލަދުހުތުރު އައިބު ވާހަކަ ދެއްކޭއިރުވެސް ރޭކާލުމެއް ނެތެވެ. ހުތުރުވެގެންވާހައި ކަންކަން ކުރެވޭއިރުވެސް އެނގުމެއްނެތެވެ. ކުނިފުޅަ އައުގުރާނަ ގޮވޭއިރު މައިންދަރިން އަޑުއަހާން ތިބޭކަމެއްވެސް ނުމެއެނގެއެވެ. އެނގޭ ހަމައެއްކަމެއްވެސް ނެތީއެވެ.

އަހަރެންގެ ރަހުމަތްތެރިޔަކު އިއްޔެ ބުންޏެވެ. މީގެ އެތަކެއް އަހަރު ކުރިން ހިތަދޫ ގޫއެޅެގޭ މަންދައްތަ އެރަށު ބޮޑުމަގުގައި ހުރެފައި ދެއްކި ވާހަކައެއްގެ ތެރޭގައި ބުންޏެވެ. ލަދުހަޔާތޭ ކިޔުނު ސިފަ މިރާއްޖެ ދޫކޮށްފައި ހިނގާއްޖެއެވެ. މަންދައްތަ އެ ބުނި ބަހުގެ މާނަ އަހަރެމެންނަށް އަދި ކިރިޔާ މޭރުންވާން ފެށީއެވެ.