ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާކިއޯ ދަ ސިލްވާ އެގައުމުގެ ފައިސާއިން ޚިޔާނާތްތެރިވި މައްސަލަ ބަލައި 10 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރި ވާހަކައަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީޑިޔާތަކުގެ ލޯ އަމާޒުވި ވާހަކައެކެވެ.
އޮޕަރޭޝަން "ކާ ވޮޝް" ގެ ނަމުގައި 2014 ވަނަ އަހަރު ބްރެޒިލްއިން ކޮރަޕްޝަން ފޮހެލުމަށް މަސައްކަތް ފެއްޓެވީ އެންމެ ފަނޑިޔާރެކެވެ. ބްރެޒިލްގެ ފެޑެރަލް ޖަޖް، ސާޖިއޯ މޮރޯ ވަނީ މިހާތަނަށް އޭނާ ފެށި މަސައްކަތުން ޕްރޮސެކިއުޓަރުންނާ ޕްރައިވެޓް އިންވެސްޓިގޭޓަރުންނާއެކު ކޮރަޕްޝަނުގެ 157 މައްސަލަ ނިންމައި، 12 ބިލިއަން އެމެރިކާ ޑޮލަރު ދައުލަތަށް ހޯދާފައެވެ.
އެތައް އަހަރުތަކެއް ވަންދެން ކޮރަޕްޝަނާއި ފަސާދަ އަށަގަނެފައިއޮތް ބްރެޒިލްގެ ހާލަތު ބަދަލުކޮށްލުމަށް އެންމެ ފަނޑިޔާރަކު ވެގެން ފެށި މަސައްކަތުގެ ފޮނި މީރު ރަހަ މިއަދު އެގައުމުން ދަނީ ފެންނަމުންނެވެ. ނަމަވެސް އޭނާއަށް ވަނީ ބްރެޒިލްގެ ގާނޫނު ހަދާ މަޖިލީހުންނާއި ސަރުކާރުގެ މަތީ ފަރާތްތަކުގެ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ.
ކޮންގްރެސްގެ ބައެއް މެމްބަރުން ވަނީ މޮރޯ މަސައްކަތް ކުރަމުން ގެންދަނީ އޭނާގެ ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ނަގާ، ބްރެޒިލްގެ މުހިންމު ސިޔާސީ މެމްބަރުންނަށް ނުހައްގުން އަދަބު ދިނުމަށް ކަމަށް ބުނެ ފާޑުކިޔާފައެވެ.
ނަމަވެސް ބޭރުގެ ފަރާތްތަކުން ވަނީ ފަނޑިޔާރު މޮރޯގެ މަސައްކަތަށް ސާބަސްދީ އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހިތްވަރުދީފައެވެ. އުމުރުން 43 އަހަރުގެ ފަނޑިޔާރުވަނީ ގާނޫނީ ވަކީލެއްގެ މަގާމުގައި ހުރިއިރު މަނީ ލޯންޑަރިންއާއި ކޮރަޕްޝަނާއި ބެހޭގޮތުން ކިޔަވައި ދިރާސާކޮށްފައެވެ.
މޮރޯ ވަނީ 10 އަހަރު ވަންދެން ކޮރަޕްޝަން ހުއްޓުވުމާއި ބެހޭގޮތުން ރިސާޗްކޮށްފައެވެ. އޭނާ 2014 ވަނަ އަހަރު އޮޕަރޭޝަން "ކާ ވޮޝް" ގެ ނަމުގައި ބްރެޒިލްއިން ކޮރަޕްޝަން ހުއްޓުވުމަށް ފެށި މަސައްކަތް މިއަދާއި ހަމައަށް އައި އިރު ހީކުރިވަރަށްވުރެ ބޮޑަށް ކާމިޔާބު ވެފައިވާ ކަމަށް މޮރޯ ބުނެއެވެ. ނަމަވެސް އޭނާ ކަންބޮޑުވަނީ ދާއިމީ ހައްލެއް ބްރެޒިލްއަށް ލިބިދާނެ ކަމާމެދުގައެވެ.
ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކޮރަޕްޝަން އާންމު ވެފައިވާއިރު އެކަން ހުއްޓުވުމަށް 207.7 މިލިއަން ރައްޔިތުން ދިރިއުޅޭ ގައުމަކަށް ބޭނުންވީ ކެރޭ، ހިތްވަރުގަދަ އެންމެ ފަނޑިޔާރެކެވެ.