ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް، މަޖިލީހުގައި ހަރަކާތްތެރިވާ އެސްޕީޖީ ސިފައިންނާއެކު ދެއްކި ވާހަކަ ރިކޯޑުކޮށް ލީކުކޮށްލި މައްސަލައިގެ ތުހުމަތުގައި ސިފައިންގެ އޮފިސަރަކު ވަޒީފާއިން ކަނޑާލައިފިއެވެ.
އެނގިފައިވާ ގޮތުގައި އޯޑިއޯ ލީކުކުރުމުގެ މައްސަލާގައި ތުހުމަތު އަމާޒުވެ ވަޒީފާ ގެއްލިފައިވަނީ އެސްޕީޖީގެ އޮފިސަރެކެވެ. އޯޑިއޯ ލީކުވި ދުވަހު އެތާ ތިބި ސިފައިން ވަނީ "ބަންދުކޮށް" ފޯނު އަތުލާފައި ކަމަށް މީޑިޔާގައި ޚަބަރު ފެތުރިފައިވެއެވެ.
އެސްޕީޖީ ސިފައިންނާ ވާހަކަ ދައްކަވައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައިވަނީ އޮފިސަރުން ވަރަށް ކެތްތެރި ކަމަށެވެ. އެމަނިކުފާނު އެބޭފުޅުންގެ މަގާމުގައި ހުންނެވިނަމަ އިދިކޮޅު މެމްބަރުން އިހުތިޖާޖު ކުރުމުން ކެތްތެރިކަން ކޮޅުލައިގެން ގޮސް އެއިން މެމްބަރެއްގެ ދަތްދޮޅި ދުއްވާލީމު ކަމަށް އޯޑިއޯގައި އާދަމް ޝަރީފް ކަމަށް ބެލެވޭ މީހަކު ބުނެފައިވެއެވެ.
މިމައްސަލައާ ގުޅިގެން ގައުމީ ދިފާއީ ބާރުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. މަޖިލިސް ތަޅުމުގައި ސިފައިންނާއި "ބެހުނު" މީހުނާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.