ސަރުކާރުގެ މަސްލަހަތު ހުރި މައްސަލަތަކެއް ބަލަމުންދާ ދަނޑިވަޅެއްގައި ވަޒީރުން ފަނޑިޔާރުންނާ ބައްދަލުކުރުމަކީ ޑިކްޓޭޓާޝިޕްތަކުގައި ފެންނަ އަމަލެއް ކަމަށް މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
ސޫދު މިހެން ވިދާޅުވެފައިވަނީ ރޭ ބަންޑާރަ ނައިބު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދަންވަރުގެ ވަގުތެއްގައި ބައްދަލުކުރި ވީޑިއޯ ރާއްޖެ ޓީވީން ގެނެސްދީފައިވުމާ ގުޅިގެންނެވެ.
ރޭގެ ދަންވަރު 2:20 އެހާކަށްހާއިރު ސަރުކާރުގެ އިސް ބައެއް ބޭފުޅުން ރަސްމީ ކާރުގައި ސުޕްރީމް ކޯޓުން ނިކުމެފައިވާ ވީޑިއޯ ރާއްޖެ ޓީވީއިން ވަނީ އާންމުކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ސުޕްރީމް ކޯޓުގައި ބަންޑާރަ ނައިބުގެ އިތުރުން ޑިފެންސް މިނިސްޓަރާއި ފުލުހުން އަދި އެމްއެންޑީއެފްގެ އޮފިޝަލުން ދަންވަރު ގަޑީގައި ހަރަކާތްތެރިވެފައިވެއެވެ.
ސަރުކާރުގެ ފަރާތުން މިކަމާއި ގުޅިގެން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އާންމު ރައްޔިތުން ވަނީ މިއީ ކޯޓުގައި ކުރިއަށްދާ މައްސަލަތަކަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ސިފަކޮށް ސޯޝަލް މީޑިޔާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.