އައްޑޫގެ އަވަށްތަކުގެ މަގު ހެދުމަށް 250 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ މީދޫގައި ޕީޕީއެމްގެ ޖަގަހަ އެއް ހުޅުވުމަށް ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
ޝާޑު ވިދާޅުވި ގޮތުގައި 250 މިލިއަން ރުފިޔާގެ ބަޖެޓަކީ، ރައީސުލްޖުމްހޫރިއްޔާ އިސްކަމެއް ދެއްވައިގެން ރައީސް އޮފީހުން ކަނޑައަޅާފައިވާ ޚާއްސަ ބަޖެޓެއް ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އިސްކަމެއް ދެއްވައިގެން ރައީސް އޮފީހުން މިވަނީ ޚާއްސަ ބަޖެޓެއް ކަނޑައަޅުއްވައި މުޅި އައްޑޫ އަތޮޅުގައި މަގު ހެދުމަށް 250 މިލިއަން ރުފިޔާގެ ބަޖެޓެއް ދެއްވާފައި. ކޮންކަމެއް ކުރުމަށްތޯ ތާރު އެޅުމަށްޓަކައި. އަޅުގަނޑަށް ހަމަ ޔަގީން އެންމެ ފުރަތަމަ އިސްކަމެއް ދޭނީ ހުޅުދޫ އަދި މީދޫ އަށް. ސަބަބަކީ މިހާތަނަށް އައި އިރު ތާރު އެޅިމަގެއް ނެތީ ހުޅުދޫ އާއި މީދޫގައި ކަމަށް ވާތީ."
ހުޅުދޫ އަދި މީދޫގައި މިހާތަނަށް ތާރު އެޅި މަގެއް ނެތްކަން ފާހަގަކުރައްވައި ޝާޑު ވިދާޅުވީ އެންމެ ފުރަތަމަ އިސްކަންދޭނީ ހުޅުދޫ އަދި މީދޫގެ މަގުތަކުގައި ތާރު އެޅުމަށް ކަމުގެ ޔަޤީންކަން ލިބިވަޑައިގެންފައިވާ ކަމަށެވެ.
ޝާޑު ވިދާޅުވި ގޮތުގައި އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތް މިހާތަނަށް އައި އިރު ނުކޮށް އޮތީ ނުކުރެވިގެން ނޫން ކަމަށެވެ. އެއީ ނަރުދަމާ އަދި ފެން ހޮޅި އަޅައި ނިމުމުން އެންމެ ޚަރަދު ކުޑަކޮށް ރައްޔިތުންނަށް ވެސް ފަސޭހަ ގޮތަކަށް އެ މަސައްކަތް ކުރުމަށް ކަމަށެވެ.
ހުޅުދޫ އަދި މީދޫ އަށް ނިސްބަތްވާ ޕީޕީއެމް މެންބަރުން ބައިވެރިވި މި ޖަލްސާގައި ޝާޑު ވިދާޅުވީ މި ސަރުކާރަކީ އަދި ރައީސުލްޖުމްހޫރިއްޔާ އަކީ ވެސް ރައްޔިތުންނަށް އޮޅުވާނުލައްވާނެ ކަމަށެވެ.
އައްޑޫގެ މަގުތައް ހެދުމަށް 250 މިލިއަން ރުފިޔާގެ ބަޖެޓެއް ލިބިފައިވާ ކަމަށް ޝާޑު ވިދާޅުވެފައި ވާއިރު 2017 ވަނަ އަހަރުގެ ބަޖެޓުގައި އައްޑޫގެ މަގުތައް ހެދުމަށް ހިމަނާފައި ވަނީ 23 މިލިއަން ރުފިޔާއެވެ. އަދި މިއަހަރު ނިމެން 4 މަހަށް ވެފައިވާއިރު އައްޑޫގެ އެއްވެސް ރަށެއްގެ މަގެއް ހެދުމުގެ މަސައްކަތް ފަށާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.