އައްޑޫގައި އިންވެސްޓް ކުރުމަށް ޝައުގުވެރިވާ ފަރާތަކަށް އެ ފުރުސަތު ހުޅުވިފައިވާ ކަމަށާއި އިންވެސްޓަރުންނަށް އަބަދުވެސް ކައުންސިލުން މަރުހަބާ ކިޔާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
މަޝްހޫރު ވިޔަފާރިވެރިއާ އަދި ޖުމްހުރީ ޕާޓީގެ ރިއާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އައްޑޫގައި ގިނަ މަޝްރޫޢުތަކެއް ފެށުމަށް ބިން ހޯދުމަށް އެދިފައި ވަނިކޮށް އެ ބިން ނުދޭން ކައުންސިލުން ނިންމި ކަމުގެ ވާހަކަ ރަށުތެރޭގައި ގަދަ ވެފައިވަނިކޮށް މަރަދޫ ދާއިރާގެ ކައުންސިލަރ އަބްދުﷲ ޠޮއްޔިބް (ޓޮމް) ވިދާޅުވީ އެފަދަ އެއްވެސް ނިންމުމެއް ކައުންސިލުން ނުނިންމާ ކަމަށެވެ.
"އަޅުގަނޑުމެން އެއްވެސް އިންވެސްޓަރަކު އައްޑުގެ ތަރައްޤީއަށް ކަމެއް ކޮށްދޭން ހުށަހަޅާފައިވަނިކޮށް އެކަމަކަށް ހުރަހެއް ނާޅާނަން." ޓޮމް ވިދާޅުވިއެވެ.
ޓޮމް ވިދާޅުވީ "ވިލާ" އިން އައްޑޫގައި މަޝްރޫއުތަކެއް ހިންގަން ބޭނުންވެގެން ބިން ހޯދުމަށް އެދިފައިވާ ކަމަށެވެ.
"އިއްޔެ ވެސް އެކަމާއި ގުޅޭ ގޮތުން ކައުންސިލްގައި މަޝްވަރާ ކުރެވުނު، އައްޑޫގައި ފެން ޕްލާންޓެއް ގާއިމް ކުރުމުގެ ޝައުގުވެރިކަމުގައި އަދި އިތުރު ފާޓީއަކުން އެބަ އެދޭ. އަޅުގަނޑުމެން މިދަނީ އެކަން ބަަލަމުން." އޭނާ ވިދާޅުވި އެވެ.
ޓޮމް ވަނީ ރަށު ތެރޭގައި ދެކެވޭ ވާހަކަ ދޮގު ކޮށްފަ އެވެ.
އަދި އިތުރަށް އޭނާ ވިދާޅުވީ ކައުންސިލުން އެދިގެން އައްޑޫގެ ރައްޔިތުންގެ ބައިވެރިވުމާއި އެކު މި ސިޓީ ތަރައްޤީ ކުރުމަށް ހުޅުވާލި ފުރުސަތަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ހުރިހާ ފަރާތަކަށް ވެސް ފުރުސަތު ހުޅުވިފައިވާ ކަމަށެވެ.