މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓް (އެފްސީޕީޑީ) ގެ ހިންގުން ހަރުދަނާ ކުރުމާއި އަދި ކުޑަކުދިންނާއި އަންހެނުންނާ ދެކޮޅަށް ކުރެވޭ އަނިޔާތަކުގެ މައްސަލަތަކުގައި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި އަމަލު ކުރާ އުޞޫލުތަކާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އާ އެއްގޮތަށް އެ ޑިޕާޓްމަންޓުން ތަހުގީގު ކުރާ މައްސަލަތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެ ޑިޕާރޓްމަންޓުގެ ހަތަރު މުވައްޒަފުންގެ މައްޗަށް ހިމެނޭ ޓީމެއް ވެސްޓަން އޮސްޓްރޭލިއާ ޕޮލިސް އަށް "ސްޓަޑީ ޓްއާ" އެއްކޮށްފި އެވެ.
ފެބްރުއަރީ 18 އިން މި މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ވެސްޓަން އޮސްޓްރޭލި އާ ޕޮލިސް އަށް ކުރި މި ޒިޔާރަތުގައި ބައިވެރިވެފައި ވަނީ އެފްސީޕީޑީގެ ހެޑް ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ޙަސަން ޝިފާޢު އާއި ޕޮލިސް ސާޖަންޓް މަރިޔަމް ރަޝީދާ އާއި ޕޮލިސް ކޯޕްރަލް އަޙްމަދު ފާރިޝް އަދި ޕޮލިސް ކޯޕްރަލް މޫމިނާ އަޤީލް އެވެ.
މި ދަތުރުގައި އެޓީމުން ވަނީ ވެސްޓަން އޮސްޓްރޭލިއަން ޕޮލިސްގެ ކަމާ ގުޅޭ އެންމެހާ ޑިޕާޓްމަންޓްތަކަށް ޒިޔާރަތްކޮށް އެ ތަންތަނުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތާއި، ހުށަހެޅޭ މައްސަލަތަކުގައި ޢަމަލު ކުރަމުން ގެންދާ ގޮތުގެ މައުލޫމާތު އޮޅުން ފިލުވައި އެ ފަރާތްތަކުން މަސައްކަތް ކުރާ ގޮތުގެ ޢަމަލީ ތަޖުރިބާ އާއި ތަމްރީނު ވަނީ ހޯދާފަ އެވެ.
މި ދަތުރުގައި އެފްސީޕީޑީ ޓީމުން އަމަލީ ތަޖުރިބާ ހޯދާފައިވާ ޑިޕާޓްމަންޓްތަކުގެ ތެރޭގައި "ޗައިލްޑް އެސެސްމަންޓް އެންޑް އިންޓައިވިއު ޓީމްސް" އާއި "ޗައިލްޑް އެބިއުސް ސްކޮޑް" އާއި "ސެކްޝުއަލް އެސޯލްޓް ސްކޮޑް" އާއި "އޮންލައިން ޗައިލްޑް އެކްސްޕްލޮއިޓޭޝަން ސްކޮޑް" އާއި "ފޮރެންސިކް އެނަލިލިސް ޑިޕާރޓްމަންޓް" އާއި "ވިޓްނަސް ސަޕޯޓް ސާވިސް" އާއި "ޑިޕާޓްމަންޓް އޮފް ޗައިލްޑް ޕްރޮޓެކްޝަން" އާއި "ޕްރިންސަސް މާގްރެޓް ހޮސްޕިޓަލްގެ ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓް" އާއި "ސެކްޝުއަލް އެސޯލްޓް ރިސޯސް ސެންޓަ" އާއި "ފެމިލީ ޑޮމެސްޓިކް ވަޔަލަންސް ޑިޕާޓްމަންޓް" އާއި "ޖޫންޑަލަޕް ޑިސްޓްރިކްޓް ޕޮލިސްގެ ޑޮމެސްޓިކް ވަޔަލަންސް ޔުނިޓް" އާއި "ޖުވެނައިލް އެންޑް ޔަންގް އޮފެންޑަސް ޑިޕާޓްމަންޓް" ހިމެނެ އެވެ.
މި ދަތުރުގައި ވެސްޓަން އޮސްޓްރޭލިއަން ޕޮލިސްގެ ފަރާތުންނާއި މި ދަތުރުގެ ބައިވެރިން ޒިޔާރަތް ކުރި ޑިޕާޓްމަންޓުތަކުން ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ދިވެހި ފުލުހުންގެ ޓީމެއް ފޯރުކޮށް ދީފައިވެ އެވެ.
އަދި ވަކިން ޚާއްސަކޮށް ވެސްޓަން އޮސްޓްރޭލިޔާ ޕޮލިސްގައި ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ރިޓަޔަޑް އިބްރާހިމް ލަތީފު ދިވެހި ފުލުހުންގެ ޓީމްގެ އެންމެހައި ކަންކަން ވަރަށް ގާތުން ބައްލަވާ އެހީތެރިކަން ފޯރުކޮށް ދެއްވާފައިވެ އެވެ.
އޮސްޓްރޭލިއާ އަދި ވެސްޓަން އޮސްޓްރޭލިއާ އަކީ 2004 ވަނަ އަހަރު މޯލްޑިވްސް ޕޮލިސް ސާވިސް ވަކި މުއައްސަސާއެއްގެ ގޮތުގައި ހަމަޖެހުމާއި ހަމައިން ވެސް ފުލުހުންގެ ކަންތައްތައް ތަރައްޤީކޮށް ފުލުހުން އެކި ރޮނގުރޮނގުން ތަމްރީނު ކުރުމުގައި ވަރަށް ބޮޑަށް އެހީތެރިކަން ދެމުން ގެންދާ ފަރާތެކެވެ.