ހައި ކޯޓުގެ ދެކުނު ގޮފީގެ ބައެއް ފަނޑިޔާރުން މާލޭގައި ހުންނަ ހައި ކޯޓަށް ބަދަލުކުރުމަށް ނިންމާފައިވާ ކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައި ކޯޓު ދެކުނު ގޮފީގެ ބައެއް ފަނޑިޔާރުން މާލެ ބަދަލުކޮށްދެއްވުން އެދިވަޑައިގެން އިސް ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވާފައެވެ.
2014 ވަނަ އަހަރު ކޯޓުތަކާޢި ބެހޭ ގާނޫނަށް ގެނައި އިސްލާހު ބުނާ ގޮތުން ހައި ކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން ބަދަލު ކުރެވޭނީ ސުޕްރީމް ކޯޓުގެ ހުއްދަ އާއި އެކުގައެވެ.
ހައިކޯޓު ދެކުނު ގޮފީގެ 3 ފަނޑިޔާރުންގެ ތެރެއިން އަލްއުސްތާޛް ޝުޖާއު އުޘްމާން ކުއްލިގޮތަކަށް މާލެ ވަޑައިގެންނެވި ފަހުން އެ ކޯޓުގައި ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާތާ 6 މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެންމެ ފަހުން ޝަރީޢަތުގެ އަޑުއެހުމެއް ބާއްވާފައި ވަނީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.
މި އަހަރުގެ މާޗް މަހުގެ ތެރޭގައި، މަރުގެ އިންޒާރުތަކެއް ލިބިވަޑައިގަތުމާއި ގުޅިގެން ފުލުހުންގެ ފުލް ސެކިއުރިޓީގައި މާލެ ވަޑައިގެންނެވި ފަހުން ޝުޖާއު އުޘްމާން ހުންނަވަނީ މާލޭގައެވެ. އެހެން ނަމަވެސް ހައި ކޯޓު ދެކުނު ގޮފީގައި ދެން ތިއްބަވާ 2 ފަނޑިޔާރުން ކަމުގައިވާ އަލްއުސްތާޛް ޝުޢައިބު ޙުސައިން އާއި އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދު އަދިވެސް ތިއްބަވަނީ ހުޅުމީދޫގައެވެ.
ހައި ކޯޓުގެ ދެކުނު ގޮފީގެ ބައެއް ފަނޑިޔާރުން މާލެ ބަދަލުކުރުމަށް ނިންމާފައި ވާއިރު ފަނޑިޔާރު ޝުޖާޢު އުޘްމާން މާލޭގައި ހުންނަ ހައި ކޯޓުގެ ގޮތްޕަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމުގެ އަޑުތައް ސޯޝަލް މީޑިޔާގައި ދަނީ ފެތުރެމުންނެވެ.
މިކަމާއި ގުޅޭ ގޮތުން ހައި ކޯޓުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.