Last Updated: June 29, 18:33
Monday, June 29, 2026
ޚަބަރު

ގާސިމް ބޭރަށް ފޮނުވޭނީ މެޑިކަލް ބޯޑުން ހުއްދަ ދިނުމުން: ކަރެކްޝަންސް

● ގާސިމްއަށް 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ހުކުމެއް ވަނީ އިއްވާފައި
● ޖަލު ހުކުމަށް ފަހު ޕާސްޕޯޓް ދޫކޮށްލުމަށް ވަނީ ހުކުމްކޮށްފައި
● ގާސިމް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވަން ދައުލަތުގެ މައްޗަށް އަމުރުކުރި

ރިޝްވަތު ދެއްވިކަމުގެ ދައުވާ ސާބިތުވެ 3 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޖުމްހުރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރ ގާސިމް އިބްރާހިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވޭނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) މެޑިކަލް ބޯޑުން ހުއްދަ ސިނުމުން ކަމަށް އެ ސަރވިސް އިން ބުނެފި އެވެ.

އެމްސީއެސް ގެ އިންފޮމޭޝަން އޮފިސަރު އަުމަދު ލުގުމާން އާއި ހަވާލާދީ ސަން އޮންލައިން އިން ރިޕޯޓް ކުރާ ގޮތުގައި ޤާސިމް ރާއްޖެއިން ބޭރަށް ފޮނުވޭނީ އެ ސަރވިސްގެ މެޑިކަލް ބޯޑުން ހުއްދަ ދިނުމުން ކަމަށާޢި، ކޯޓުން އަންގާފައިވާ ގޮތަށް ޢަމަލް ކުރާނެ ކަމަށެވެ.

މީގެ އިތުރުން ޤާސިމް ރާއްޖެއިން ބޭރަށް ފޮނުވުމަށް ބޭނުންވާ ހުރިހާ ލިޔުންތަކެއް ރޭ 19:00 ގެ ކުރިން އެމްސީއެސް އާއި ހަވާލުކޮށްފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވި ކަމަށް ސަން އޮންލައިން އިން ރިޕޯޓްކުރެ އެވެ.

އެގޮތުން ޤާސިމް މީގެ ކުރިން ބޭސްފަރުވާ ހޯއްދަވާފައިވާ ޤައުމްތަކާއި އެ ހޮސްޕިޓަލްތަކުގެ ލިޔުންތަކުގެ އިތުރުން ޑޮކްޓަރު ރާއްޖެއިން ބޭރަށް ފުރުމަށް ލަފާ ދެއްވައި ދީފައިވާ ލިޔުންތައް ވެސް ވަނީ އެމްސީއެސް އަށް ހުށައަޅާފައެވެ.

ޤާސިމް އިތުރު ފަރުވާއަށް ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާއިރު، އޭނާ މިހާރު އޮތީ އައިޖީއެމްއެޗް ގައި ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައެވެ. ކްރިމިނަލް ކޯޓުން ވަނީ ޤާސިމް ރާއްޖެއިން ބޭރަށް ފޮނުވުމުގެ ހުރިހާ އިންތިޒާމެއް ކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް އަމުރު ކޮށްފަ އެވެ.

މީގެ އިތުރުން މި މަހުގެ 16 ވަނަ ދުވަހު ހިފެހެއްޓި ޤާސިމްގެ ޕާސްޕޯޓް ދޫކުރުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފަ އެވެ.

ޤާސިމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ޙުކުމް ކޮށްފައި ވަނީ ޤާސިމް އައިޖީއެމްއެޗް ގައި ބަލި ހާލުކޮޅުގައި އޮންނަވައި އޭނާގެ ޤާނޫނީ ވަކީލުންގެ ވެސް ޣައިރު ހާޒިރުގައެވެ.