Last Updated: June 29, 18:33
Monday, June 29, 2026
ޚަބަރު

އަސްލަމްގެ 3 ލައްކަ ރުފިޔާގެ ފޯން ބިލުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ

ޕްލޭނިން މިނސިްޓަރ މުހައްމަދު އަސްލަމް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މިނިސްޓަރ އޮފް ހައުސިން އެންޑް އެންވަޔަރަމެންޓް ގެ މަޤާމުގައި ހުންނެވި މުހައްމަދު އަސްލަމްގެ މޯބައިލް ފޯން ބިލަށް މިނިސްޓްރީގެ ބަޖެޓުން ދައްކާފައިވާ 300،000 އަށްވުރެ ގިނަ ރުފިޔާ ހޯދުމަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ އަށް ތާވަލްކޮށްފި އެވެ.

އެގޮތުން އެ މައްސަލައިގެ އަޑުއެހުމެއް ވަނީ މާދަމާ ހެނދުނު 09:45 އަށް ސިވިލް ކޯޓްގައި ތާވަލްކޮށްފަ އެވެ.

2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެފައިވާ ގޮތުގައި 2009 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2011 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އަސްލަމްގެ ފޯން ބިލަށް އެރި 312،928 ރުފިޔާ ދައްކާފައި ވަނީ ހައުސިން މިނިސްޓްރީގެ ބަޖެޓުން ކަމަށެވެ.

ޤާނޫނާއި ޚިލާފަށް މިނިސްޓްރީގެ ބަޖެޓުން ދައްކާފައިވާ ފައިސާ އަނބުރާ ހޯދައި، އެ ފައިސާ ދައުލަތުެ ކޮންސޮލިޑޭޓެޑް ރެވެނިއު ފަންޑަށް ޖަމާކުރަން ޖެހޭނެ ކަމަށް އޮޑިޓަރ ޖެނެރަލް ވަނީ ލަފާ ދެއްވާފައެވެ.

މީގެ އިތުރުން ވެސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސަރުކާރުގެ އިސް މަޤާމްތައް ފުރުއްވި ބައެއް ބޭފުޅުންގެ މިފަދަ މައްސަލަތަކާއި ގުޅިގެން އެބޭފުޅުންގެ މައްޗަށް ދައުވާކޮށް ދިނުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ.