Last Updated: June 9, 13:15
Tuesday, June 9, 2026
ޚަބަރު

ސޯޝަލް މީޑިޔާ އެކްޓިވިސްޓް މޫސާ އަންވަރުގެ ގޭގެ ދޮރަށް ކަތިވަޅި ޖަހައިފި

މޫސާ އަންވަރު ދިރިއުޅެނީ މިހާރު ލަންޑަނުގައި
މިގެއަކީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އާތިފް އާއި ޕަރސަނަލް ޓްރެއިނަރ ކޯޗު ޝުޖާއުގެ ވެސް ގެ.
ކަތިވަޅި ޖެހި ވަގުތު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އާތިފް ގޭގައި އުޅުއްވާ
މޫސާ އަންވަރު އާއި ޝުޖާއު އަދި އާތިފަކީ އެއްބަނޑު އެއްބަފާ ތިން ބެއިން

ސޯޝަލް މީޑިޔާ އެކްޓިވިސްޓް މޫސާ އަންވަރުގެ ގޭގެ ދޮރަށް ކަތިވަޅި ޖަހައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސ.ހިތަދޫ ލައިފް ގޭގެ ދޮރަށް ކަތިވަޅި ޖަހާފައި ވަނީ، ރޭ ދަންވަރުގެ 1:40 އެހާކަށް ހާއިރުއެވެ. ކަތިވަޅިއެއް ޖެހުމުގެ އިތުރުން އެ ގޭގެ ކުޑަ ދޮރެއްގެ ބިއްލޫރިތައް ވެސް ވަނީ ތަޅާލާފައެވެ.

އެގޭގެ ދޮރަށް ކަތިވަޅި ޖަހާފައި ވާއިރު މޫސާ އަންވަރު މިހާރު ދިރިއުޅެނީ އިނގިރޭސިވިލާތުގައެވެ. އޭނާ އަކީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ ވަރަށް ގާތް މީހެކެވެ.

ލައިފް ގެއަކީ މި އަހަރުގެ ޖެނުއަރީ މާލެ ވަށައި 24 ގަޑިއިރު ދުވެގެން ގިނަބައެއްގެ މަޤްބޫލުކަން ހޯދި ފުލުހުންގެ ކުރީގެ ސްޕޯކްސް ޕަރސަން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އާތިފް އަދި މަޝްހޫރު ޕަރސަނަލް ޓްރެއިނަރ ހުސައިން ޝުޖާއުގެ ވެސް ގެއެވެ. މޫސާ އަންވަރު އާއި ޝުޖާއު އަދި އާތިފަކީ އެއްބަނޑު އެއްބަފާ ތިން ބެއިންނެވެ.

ކަތިވަޅި ޖެހިއިރު އާތިފް އޮތީ ނިދަން ކަމަށް ވެއެވެ.

އާތިފް އައްޑޫއަށް އައިސްފައިވަނީ އެއްބަނޑު އެއްބަފާ ކޮއްކޮ ޝުޖާއުގެ 'އައިރަނާސް' އިން އިންތިޒާމުކޮށްގެން އައްޑޫގައި ހުކުރު ދުވަހު ބޭއްވި އައްޑޫ މެރަތަންގައި ބައިވެރިވުމަށެވެ.

ހިތަދޫ ގެއެއްގެ ދޮރަށް ކަތިވަޅިއެއް ޖެހި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައެވެ. އެހެން ނަމަވެސް ތަހުގީގް ކުރަމުން އަންނަ މައްސަލަ އަކަށް ވާތީ މިވަގުތު އިތުރު ތަފްސީލް މިވަގުތަށް ހާމަކުރެވެން ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ