މައިލޯ އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ އުމުރު ފުރައިގެ ޗެމްޕިއަންކަން މީދޫ ޝަމްސުއްދީން ސްކޫލްގެ ޓީމް ހޯދައިފިއެވެ.
އައްޑޫ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗް ޝަމްސުއްދީން ސްކޫލްގެ ޓީމް ކާމިޔާބް ކުރީ ޝަރަފުއްދީން ސްކޫލާއި ވާދަކޮށް 1-0 ލަނޑުން ބަލިކޮށްގެންނެވެ.

މެޗްގައި ޖެހި ހަމައެކަނި ލަނޑު ޝަމްސުއްދީން ސްކޫލަށް ކާމިޔާބްކޮށްދިނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު ސައްޔާދު ހަސަންއެވެ.
މުބާރާތުގެ ފެއަރ ޕްލޭ ޓީމަކީވެސް ޝަމްސުއްދީން ސްކޫލްގެ ޓީމެވެ.
މީގެ އިތުރުން މިއުމުރު ފުރައިގެ އެންމެ މޮޅު 11 ކުޅުންތެރީންގެ ތެރޭގައި ޝަމްސުއްދީން ސްކޫލްގެ 4 ކުޅުންތެރީން ވަނީ ހިމެނިފައިވެއެވެ. އެއީ މުހައްމަދު ސައްޔާދު ހަސަން ، މާރިފް ޝަފީގު ، ހާމު ހަސީބު އަދި ލިވާޒް ނޫމާނެވެ.
އަދި މީގެ އިތުރަށް 13 އަހަރުން ދަށުގެ ފެއަރ ޕްލޭ ކުޅުންތެރިއަކަށް ޝަމްސުއްދީން ސްކޫލްގެ ހާމު ހަސީބު ހޮވިފައިވާއިރު 13 އަހަރުން އަހަރުން ދަށުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވިފައި ވަނީ ވެސް ޝަމްސުއްދީން ސްކޫލްގެ މުހައްމަދު ސައްޔާދު ހަސަންއެވެ.
މިދިޔައަހަރުވެސް މިމުބާރާތުގެ 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޝަމްސުއްދީން ސްކޫލްގެ ޓީމެވެ.