Last Updated: June 20, 06:09
Saturday, June 20, 2026
ކުޅިވަރު

ޔުނައިޓެޑާއި ސިޓީ މެޗުތައް ކާމިޔާބުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު މެޗުތަކުގެ ތެރެއިން މެންޗެސްޓާ ދެޓީމު ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފިއެވެ. ސިޓީއާއި ބޯންމައުތް ބައްދަލުކުރި މެޗު ފަހަތުން އަރައި ސިޓީ ކާމިޔާބުކޮށްފައިވަނީ 2-1 އިންނެވެ.

މެޗުގެ ވަރަށް ކުރީ ކޮޅު ބޯންމައުތްގެ ޑެނިއެލްސް ވަނީ ރީތި ގޯލަކާއެކު ލީޑު ނަގާދީފައެވެ. ނަމަވެސް ސިޓީގެ ގެބްރިއެލް ޖީސަސް ވަނީ ފުރަތަމަ ހާފުގެތެރޭގައި ނަތީޖާ އެއްވަރުކޮށްފައެވެ. އިތުރު ލަނޑެއް ނުފެނި ގިނަ އިރުތަކެއް މެޗުގައި ކުޅުނުއިރު ސިޓީއަށް ލަނޑު ޖަހާދީފައިވަނީ 97 ވަނަ މިނެޓުގައި ސްޓާލިންގއެވެ.

ރޭ މެންޗެސްޓާ ޔުނައިޓެޑާއި ލެސްޓާ ބައްދަލުކުރި މެޗު ޔުނައިޓެޑު ކާމިޔާބުކޮށްފައިވަނީ 0-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެފައިވަނީ ޔުނައިޓެޑުންނެވެ. 13 ހަމަލާ އުފައްދާފައިވިނަމަވެސް ޔުނައިޓެޑަށް ފުރަތަމަ ހާފުގައި ލަނޑެއް ޖެހިފައެއް ނުވެއެވެ.

ދެވަނަ ހާފުގައި ލެސްޓާ ކުޅުންތެރިއެއްގެ އަތުގައި ޕެނަލްޓީ އޭރިޔާ ތެރެއިން ޖެހުމުން ރެފްރީ ވަނީ ޔުނައިޓެޑަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ލުކާކޫ ފޮނުވާލި ޕެނަލްޓީ ކީޕަރު ވަނީ މަތަކޮށްފައެވެ.

ޔުނައިޓެޑަށް ލީޑު ނަގާދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރަޝްފޯޑްއެވެ. ޔުނައިޓެޑުގެ ދެވަނަ ގޯލު ފެނިގެން ގޮސްފައިވަނީވެސް ދެވަނަ ހާފުގައި ކުޅެން ނިކުތް ދެކުޅުންތެރިން ކަމަށްވާ ފެލައިނީ އަދި ލިންގާޑުގެ ފަރާތުންނެވެ. ލިންގާޑު ދިން ބޯޅައެއް ފެލައިނީ އޭރިޔާ ތެރޭގައި ހުރެ ގޯލުގެ ތެރެއަށް ފޮނުވާލާފައިވެއެވެ.

ތިން މެޗުން ތިން މޮޅު ލިބި ޔުނައިޓެޑު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. 10 ގޯލު ޔުނައިޓެޑުން ޖަހާފައިވާއިރު ކޮޅަށް ގޯލެއް މިހާތަނަށް ވަދެފައިނުވެއެވެ.