Last Updated: May 10, 20:28
Friday, May 10, 2024
ކޮލަމް

އިންސާފު އައިސް އަރާހަމަ ކުރީމާ ހޭނެތެނީ ކިތައް މީހުންކަން ފަހުން ފެންނާނެއެވެ.

އޮނަރަބަލް ގާސިމް އިބްރާހީމުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަކީ ކަނޑައެޅިގެން ބާތިލު ހުކުމެއްކަން ގަބޫލުނުކުރާ ހަމައެކަކު ވެސް މިދިވެހި އުޑުދަށުގައި ނުވެއެވެ. އަތްޖަހާ އޮޅީގެ ކުދީން ވެސް އެކަން ގަބޫލުކުރެއެވެ. އެކަމަކު މުސްތަޝާރު ރުއްސާންވެގެން ނޫންކަމަށް ހެދިގެން ތިބީއެވެ.

ރޭގަނޑެއްގެ ދަންވަރު ކޯޓު ހުޅުވައިގެން ގާސިމާއި އެމަނިކުފާނުގެ ވަކީލުންގެ ގައިރުހާޒިރުގައި އިއްވި ހުކުމަކީ ޖިނާއީ އިޖުރާތުގެ ގާނޫނުވެސް މުގުރާލުމުގެ ހުކުމެކެވެ. ހުރަގެޔަށް ލެވުނީ ހަމައެކަނި ގާސިމް އިބްރާހީމެއް ނޫނެވެ. ޖިނާއީ އިޖުރާތުގެ މުޅި އުސޫލުވެސް ގައިދު ކުރެވުނީއެވެ. އިންސާފުގެ ކުނޑިފަށެއްވެސް ފެންނާންނެތް ހުކުމެކެވެ.

މި ހުކުމެއް އިއްވިއިރު ގާސިމް އޮންނެވީ މަރާ ހަނގުރާމަ ކުރެއްވުމުގައި ހަސްފަތާލުގައެވެ. ހުރިހާ ޑޮކްޓަރުންވެސް އެބުނަނީ ވީހާވެސް އަވަހަށް އެމަނިކުފާނު ރާއްޖެއިން ބޭރަށް ފޮނުވާށޭއެވެ. ފުރާނަޔަށް ނުރައްކާ ކަމުގައެވެ.

މީންކަމަކަށް ރިއާޔަތް ނުކޮށް ފަޓާސްބަރިއެއްހެން ޝަރީޢަތް ކުރިޔަށް ގެންގޮސް ގައުމުވެސް ލަދުގަންނަވާލާފައި ހުކުމް އިއްވުމަށްފަހު އެވަރުން އަދި ފުއްދައިލީއެއް ނޫނެވެ. ގާސިމަށް ފަރުވާދޭންވެސް ހުރަސްއަޅާން ފެށީއެވެ. ބަހަނާޔަކަށްފަހު ބަހަނާއެއް ދައްކަމުންގޮސް ބަހަނާތައް ހުސްވެއްޖެއެވެ. ގާސިމް އަދިވެސް އައިޖީއެމްއެޗުގައި ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށުގައި އޮންނެވީއެވެ. މިވަރުވީމާ ދެން މިވެރީން ބޭނުންވެގެން މިއުޅެނީ ކޮންކަމެއްކަން ދޭހަނުވާ މީހަކު ހުންނާނެބާވައެވެ.

މިއަދުގެ ޖަރީމާތަކުގައި ބައިވެރިވާ އެންމެންނާވެސް އިންސާފު އަރާހަމަކުރާނެއެވެ. އެއީ ކަށަވަރު ކަމެކެވެ. އެދުވަހަކުން ޝަރީޢަތަށް ވެސް ގެންދެވޭނެއެވެ. ހުރަގެޔަށްވެސް ލެވޭނެއެވެ. މިއަދު ތިމާޔަށް މިހުރެވެނީ ގާނޫނަށްވުރެ މަތީގަޔޭ ހީކުރެވުނަސް އެދުވަހަކުން ގާނޫނުގެ ކުރިމަތީގައި އިސްޖަހައިލަން މަޖުބޫރުވާނެއެވެ.

މިވެރީން ބޭނުންވެގެން އުޅޭ ކަންތަކުގެ ވާހަކަ މީހުން ބުނާން ފެށީމާ ކުށްވެރިިވަނީ އެހެން ބުނާ މީހެކެވެ. ގައުމީ ސަލާމަތަށް ނުރައްކަލަކަށްވީ އެވާހަކައެވެ. އިންޒާރުދޭން ފެށީ އެޒާތުގެ ވާހަކަ ގެނެސްދޭ ޓީވީތަކެވެ. ބްރޯޑްކާސްޓިން އަކީ ކޮން އެއްޗެއްކަން ނުވެސް ދަންނަ ހަމަ ރޮލާތިބި ބަޔަކު ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިބެގެން ރޭގަނޑެއްގެ ދަންވަރު އޮފީސް ހުޅުވައިގެން ޓީވީ ސްޓޭޝަންތަކަށް އިންޒާރުގެ ސިޓީ ފޮނުވީމާ މިވެރީން ހީކުރީ މިވެރީންގެ މަގުސަދު މީސްތަކުންނަށް އޮޅި މިވާހަކަ ދެއްކުން ހުއްޓިދާނޭ ކަމުގައެވެ.

ގައުމީ ސަލާމަތަށް ނުރައްކާ ކަންކަން ދެނެގަންނާން ބޭނުމިއްޔާ އަޑުއަހާށެވެ. އެއީ އަނިޔާވެރިވުމެވެ. ގާނޫނުތައް މުގުރައި ނައްތައިލުމެވެ. ފަނޑިޔާރުގެޔަށް އުނދުޅިބާނައި ޝަރުއީ މުޅި ނިޒާމު ގަޑުބަޑުކުރުމެވެ. ހެއްކައް ނުފޫޒު ފޯރުވައި ޝަރީޢަތަކީ ތަމްސީލަކަށް ހެދުމެވެ. ހުރިހާ ބާރުތައް މުށުތެރެޔަށް ލައި ގައުމުގެ ކަރާމާތާއި ހުރުމަތް ވެއްޔާ މޮޑެލުމެވެ. ރައްޔިތުންގެ މަންދޫބުންނާއި ފަނޑިޔާރުން ރަހީނުންކަމުގައި ހަދައި ހަމަ ކޮންމެ ކަމެއް މުލައްދަނޑީގެ ބާރުން ނިންމައިލުމެވެ. ގައުމަކީ އެންމެ ފަރުދެއްގެ އަމިއްލަ މުދާގަޑަކަށް ހަދައި ރައްޔިތުން އަޅުވެތި ކުރުމެވެ.

ވަޒީރުންނާއި ސިފައިންގެ ވެރީން ރޭގަނޑު ދަންވަރު ކޯޓުތަކަށް ވަނުމަކީ ކޯޓުތައް މިނިވަން ނޫންކަމުގެ ހެއްކެކެވެ. ފަނޑިޔާރުންގެ ޕާސްޕޯޓު ހިފެހެއްޓި ރަހީނު ކުރެވުމަކީ މިނިވަން އިންސާފުވެރި ހުކުމެއް ނީއްވޭނެކަން ކަށަވަރުވާ ކަމެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރުކޮށް ޒާތްޒާތުގެ އުގޫބާތް ދިނުމަކީ ރައްޔިތުންގެ ވާހަކަތައް އަޑުއަހާން ބޭނުން ނުވާކަމުގެ ދަލީލެކެވެ.

ފުލުހުން ޕީޖީ އޮފީހަށް ގެންގޮސް ހެކިދޭނޭ ގޮތްތައް ކިޔައިދީ ހެއްކަށް ނުފޫޒު ފޯރުވުމަކީ ހަމައެއްވެސް ކަމެއް ތިމާ ބޭނުންވާ ގޮތަށް ނޫނީ ނިންމައިނުލުމަށް ގަދައަޅާ މިންވަރު ފާޅުވާ ކަމެކެވެ. ގައުމީ ސަލާމަތަށް ނުރައްކަލީ މިކަހަލަ ކަންކަމެވެ. ގައުމުގެ ދެމިއޮތުމަށް ނުރައްކާވަނީ މިކަހަލަ ކަންތަކުންނެވެ. ގައުމުގެ އަގު ވެއްޓެނީ މިކަހަލަ ކަންތައް ކުރާ މީހުންގެ ސަބަބުންނެވެ.

ގާސިމް އިބްރާހީމަށް ހުކުމް އިއްވައި އެމަނިކުފާނުގެ ބޭސްފަރުވާޔަށް ހުރަސްއެޅުމަކީ މިގައުމުގެ ރައްޔިތުންނާ ކުޅުމެކެވެ. އޮބިއަޅައިގެން އަނިޔާވެރިކަން ކުރިޔަށް ނެރެގެން ލޮލަށް މިރުސްދުން ޖަހައިގެން ކިހާދުވަހަކު ހިފަހައްޓަައިލެވިދާނެ ކަމަށް ހީކުރަނީބާވައެވެ.

ޕީޖީ ބިސާމަކާއި ޖެނެރަލް ޝިޔާމަކާއި އަނިލްއެއް ކުރިޔަށް ނެރެގެން ކިހާދުވަހަކަށް މިކަންކަން ދެމެހެއްޓިދާނެކަމަށް ހީކުރަނީ ބާވައެވެ. ކޮންމެ ކަމަކަށްވެސް ނިމުން އަންނާނެއެވެ. އެއީ ކަށަވަރުކަމެކެވެ. ދުނިޔޭގެ ހަމަޔަކީވެސް އެއީއެވެ. މިހަމައިން ދަރުބާރު އޮޅި އިސްތިސްނާ ވާނެޔޭ ހީކުރާނަމަ އެއީ އެހެން ހީކުރާ ބައެއްގެ ގޮތްކުޑަކަމާއި މޮޔަކަމެވެ.

ނިންމައިލާނީ މިވާހަކަވެސް ހަނދާންކޮށްދީފައެވެ. މިއަދުގެ ޖަރީމާތަކުގައި ބައިވެރިވާ އެންމެންނާވެސް އިންސާފު އަރާހަމަކުރާނެއެވެ. އެއީ ކަށަވަރު ކަމެކެވެ. އެދުވަހަކުން ޝަރީޢަތަށް ވެސް ގެންދެވޭނެއެވެ. ހުރަގެޔަށްވެސް ލެވޭނެއެވެ. މިއަދު ތިމާޔަށް މިހުރެވެނީ ގާނޫނަށްވުރެ މަތީގަޔޭ ހީކުރެވުނަސް އެދުވަހަކުން ގާނޫނުގެ ކުރިމަތީގައި އިސްޖަހައިލަން މަޖުބޫރުވާނެއެވެ. ގާނޫނުތައް އުފެއްދުމުގެ ހަގީގީ ބޭނުމާއި އޭގެ ބާރު އިހުސާސް ކުރެވުނީމާ ހޭނެތެނީ ކިތައް މީހުންކަން އެދުވަހު ފެންނާނެއެވެ. އިންސާފު އައިސް ދޮރުގައި ޓަކިދިނީމާ މަށެއްނޫނޭ މަށެއް ނޫނޭ ކިޔައި ރޮއިހޭރެނީ ކިތައްމީހުންކަންވެސް ފެންނާނެއެވެ. މިކަން މިމަގުން ނުހިނގާނަމަ މިތަނަށް ދުނިޔެއެކޭ ނުކިޔާނެއެވ