ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) ހަމަޖެއްސުމަށް އިދިކޮޅު ޕާޓީތަކުން އެއްބަސްވެފައިވާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ނަޝީދު ވިދާޅުވި ގޮތުގައި މަޖިލީހުގެ ނައިބު ރައީސަކަށް އައްޔަން ކުރެއްވުމަށް ނިންމާފައި ވަނީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިޝް މައުމޫނު ކަމަށެވެ.
ފާރިސް އާއި އިބޫގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ. އެގޮތުން އިބޫގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ. ފާރިސްގެ މައްޗަށް ޝަހުސު އޮޅުވާލުމުގެ ދައުވާ އާއި މެންބަރުންނަށް ރިޝްވަތު ދެއްވަން އުޅުނު ކަމުގެ ދައުވާ ވެސް ވަނީ އުފުލާފަ އެވެ.
ނަޝީދު މިހެން ވިދާޅުވި އިރު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން ރާއްޖޭގެ ސިޔާސީ މަޝްރަހު މިވަނީ ވަރަށް ބޮޑަށް ހަލަބޮލި ވެފައެވެ. އަދި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަނީ ގިނަ އަދަދެއްގެ ސިފައިންގެ އެހީތެރިކަމާއި އެކުގައި ކަން ފާހަގަކޮށްލެވެއެވެ.
މީޑިޔާތަކާއި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ މަސީހު މަގާމުން ވަކިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ. އަދި ނަޝީދު ވަނީ މަޖިލީހުގެ ރިޔާސަތު ބަދަލުކުރުމަށްފަހު ގުޅިފައިވާ ޕާޓީ ތަކުން މަޖިލީހުގައި ކުރަންޖެހޭ ގާނޫނީ ވަރަށް ގިނަ މަސައްކަތްތައް ހުރިކަން ފާހަގަކުރައްވާފައެވެ.