Last Updated: June 9, 13:18
Tuesday, June 9, 2026
ޚަބަރު

ފިޔާޒަށް ހުކުމް ކުރުން މިއަދު

ފިޔާޒުގެ މައްޗަށް ކުރަނީ ފުލުހެއްގެ ގައިގައި "އަތްލުމުގެ" ދައުވާ
ދައުވާ ސާބިތުވެއްޖެނަމަ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ

ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ހުކުމް ކުރުމުގެ މަޖިލިސް މިއަދު ބޭވުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފިޔާޒަށް ހުކުމް ކުރުމުގެ މަޖިލިސް ބޭއްވުމަށް ތާވަލްކޮށްފައިވަނީ މިއަދު މެންދުރުފަހު 3:00 ޖަހާއިރު އެވެ.

ދައުލަތުން ފިޔާޒުގެ މައްޗަށް އެންމެ ފުރަތަމަ އުފުލީ ފުލުހެއްގައި "ޖެހުމުގެ" ދައުވާ އެވެ. ނަމަވެސް ވަކި ހިސާބަކުން ދައުވާ ބަދަލުކޮށްފައިވާއިރު މިހާރު ދައުލަތުން ފިޔާޒުގެ މައްޗަށް އުފުލާފައިވަނީ ފުލުހެއްގެ ގައިގައި "އަތްލުމުގެ" ދައުވާ އެވެ.

ފިޔާޒްގެ ޝަރީޢަތުގެ އަޑުއެހުންތައް ނިންމާލައި ޖުލައި މަހުގެ 31 ވަނަ ދުވަހު ވަނީ ޚުލާސާ ބަޔާން އިއްވާފައެވެ. އޭގެ ފަހުން 2 ފަހަރެއްގެ މަތިން ފިޔާޒަށް ހުކުމް ކުރުމުގެ އަޑުއެހުން ތާވަލް ކުރި ނަމަވެސް އެ ދެފަހަރު ވެސް ފަހު ވަގުތު އަޑުއެހުންތައް ވަނީ ކެންސަލްކޮށްފަ އެވެ.

ފިޔާޒުގެ މައްޗަށް ދައުލަތުން އުފުލި ދައުވާއާއި ގުޅިގެން ފިޔާޒު ވަނީ ދިފާއީ ހެކިންގެ ގޮތުގައި ހަތް ނޫސްވެރިޔަކާއި ރާއްޖެ ޓީވީން ގެނެސްދިން ލައިވްއެއްގެ ވީޑިއޯ ހުށަހަޅާފަ އެވެ.

ފިޔާޒުގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރާނެ އެވެ.

ފިޔާޒުގެ މައްޗަށް ފުލުހެއްގެ ގައިގައި އަތްލުމުގެ ދައުވާ އުފުލާފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ މުލިއާގެ ކައިރިން ފެނުނު އައިޑީ ނުގޮވާ ގޮތް ހެދުމަށް މާފަންނު ސްޓޭޑިއަމަށް ގެންގޮސް ފުލުހުން އެސަރަހައްދު ބަންދުކޮށްގެން އުޅެނިކޮށް ފިޔާޒު ފުލުހެއްގެ ގައިގައި އަތްލި ކަމަށް ބުނެ އެވެ. އެރޭ ފުލުހުން ވަނީ ފިޔާޒު ހައްޔަރުވެސް ކޮށްފަ އެވެ.