ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ އިސްތިއުނާފްގެ މައްސަލަ އަށް ވީ ގޮތަކާއި މެދު ބޮޑެތި ސުވާލުތަކެއް އުފެދިއްޖެއެވެ.
ފާރިސްގެ ވަކީލުން މިއަދު ބުނެފައިވާ ގޮތުގައި ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލަ އާއި ބެހޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ދިއުމުން، އިސް ފަނޑިޔާރު ސެކްޝަނަށް އެ މައްސަލަ ލިބިފައިނުވާ ކަމަށް ބުނެފައިވާ ކަމަށެވެ.
އެހެން ނަމަވެސް އޭގެ ކުރިން ފާރިސްގެ ފަރާތުން ހުށަހެޅި އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިމިފައި ވަނިކޮށް އެ މައްސަލަ ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީގެ ސެކްޝަނަށް ބަދަލުކޮށްފައިވާ ކަމަށް ހައި ކޯޓުން ވަނީ ފާރިސްގެ ވަކީލުންނަށް އަންގާފައެވެ.
މައުމޫން ހަމީދު ވިދާޅުވި ގޮތުގައި މައްސަލައިގެ މައުލޫމާތު ސާފުކުރަން މިއަދު ހައި ކޯޓަށް ދިއުމުން، އިސް ފަނޑިޔާރު ސެކްޝަނަށް އެ މައްސަލަ ލިބިފައިނުވާ ކަމަށް އެ ސެކްޝަނުން ބުނެފައިވާތީ އިތުރު ސުވާލު އުފެދިފައިވާ ކަމަށެވެ.
ހައި ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލާނެ ފަނޑިޔާރުންގެ ބެންޗު ކަނޑައަޅާނީ އިސް ފަނޑިޔާރެވެ.
ފާރިސް ބަންދުކުރި މައްސަލައިގެ އިސްތިއުނާފް މައްސަލަ ހައިކޯޓުން ނުނިމި ދިގުލައިގެން ދާއިރު މަޖިލިސް މެންބަރުންނަށް ފާރިސް ރިޝްވަތު ހުށަހެޅި ކަމަށް ބުނާ މައްސަލާގައި ފާރިސްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް މިހާރު ވަނީ ފޮނުވައިފަ އެވެ. އެކަމަކު އެ މައްސަަލައިގެ އަޑުއެހުންތައް އަދި ފަށާފައެއް ނުވެއެވެ.