އުރީދޫ މޯލްޑިވްސްއިން ބްރޯޑްބޭންޑުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް "ފަސޭހަ ހޯމް ބްރޯޑްބޭންޑް" މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކަށް ތައާރަފްކޮށްފިއެވެ.
އުރީދޫއިން މާލެއަށް ބްރޯޑްބޭންޑު ތައާރަފްކުރުމަށްފަހު މުޅި ރާއްޖެއަށް ވެސް ބްރޯޑްބޭންޑުގެ ޚިދުމަތް ފުޅާކުރާނެ ކަމަށް ވަނީ ކުރިން އިއުލާންކޮށްފައެވެ.
މިއަދު އުރީދޫ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މުޅި ރާއްޖެއަށް ބްރޯޑްބޭންޑު ޚިދުމަތް ފުޅާކުރުމަށްފަހު ސީއީއޯ ނަޖީބު ޚާން ވިދާޅުވެފައިވަނީ އުރީދޫގެ އެންމެ ބޮޑު އަމާޒަކީ މުޅި ރާއްޖޭގައި ހަލުވި އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
އުރީދޫއިން މިއަދު ތިން ޕެކޭޖެއް ތައާރަފްކޮށްފައިވާއިރު ތިން ޕެކޭޖުންވެސް 10 އެމްބީޕީއެސްއާ ހަމައަށް ޚިދުމަތް ލިބޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދީފައިވެއެވެ.
އުރީދޫއިން ތައާރަފްކޮށްފައިވަނީ ހޯމް ބްރޯޑްބޭންޑް 50، ހޯމް ބްރޯޑްބޭން 120 އަދި ހޯމް ބްރޯޑްބޭން 180 އެވެ. ހޯމް ބްރޯޑްބޭންޑު 50 އިން 50 ޖީބީ ޑޭޓާ ލިބޭއިރު އަގަކީ 699 ރުފިޔާއެވެ. އަދި 120 ގެ ޕެކޭޖުން 120 ޖީބީ 1099 ރުފިޔާއަށް ލިބޭނެއެވެ. 180ގެ ޕެކޭޖުން ކަސްޓަމަރުންނަށް 180 ޖީބީގެ ޑޭޓާ ލިބޭއިރު ޕެކޭޖުގެ އަގަކީ 1549 ރުފިޔާއެވެ.
އުރީދޫ އިން ބުނެފައިވަނީ އުރީދޫގެ "ފަސޭހަ ހޯމް ބްރޯޑްބޭންޑް" ގުޅާދިނުންވެސް ހަމަ އެހާމެ ފަސޭހަ ކަމަށެވެ. ކޭބަލެއް ބޭނުންނުވާ މިޚިދުމަތް ފޯރުކޮށްދޭން އުރީދޫ އަށް ބޭނުންވަނީ އެންމެ 60 ސިކުންތެވެ.