ފުލުހުން ހިންގި ތިން އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކައި ކުޑަ ކުއްޖަކު ހައްޔަރުކޮށްފިއެވެ.
އެ ތިން މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިހެނަކާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެއް ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މިމީހުންގެ ތެރެއިން 18 އަހަރުން ދަށުގެ ކުއްޖާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ޅ. އަތޮޅު ފެރީން ޅ. ކުރެންދޫއަށް އައި ތަނުންނެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރަންއުޅުމުން މަގުމައްޗަށް ވައްޓާލި ސެލޯފިންއޮޅާފައި އޮތް އެއްޗެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 6 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަދި 31 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގެ 21:45 ހާއިރު ޅ. ހިންނަވަރު ސްކޫލު ހުޅަނގު ފަރާތުން ކަމަށާއި، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު ބަނގުރާކަމަށ ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ ފުޅިއެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މީގެ އިތުރުން 26 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ އޮަގަސްޓް މަހުގެ 21 ވަނަ ދުވަހުގެ ވަގުތެއްގައި ޅ. ހިންނަވަރު ބަނދަރުގައި އޮތް ލޯންޗެއްގެ ތެރެއިންނެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި ނަގައި ޓެސްޓްކުރުމުން ވަނީ މަސްތުވާތަކެތީގެ ދެ ބާވަތަކަށް ޕޮޒިޓިވްވެފައެވެ.
މި މައްސަލަތައް ހިންނަވަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.