މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު (އެމްއެސްއީ)ގެ ސީއީއޯ ހަސަން މަނިކު އިސްތިއުފާ ދެއްވައިފި އެވެ.
މިއަދު އެމްއެސްއީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ސީއީއޯގެ މަޤާމުން ހަސަން މަނިކު އިސްތިއުފާ ދެއްވި ނަމަވެސް، ކުންފުނީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށާއި، ކުންފުނީގެ ބޯޑަށް ފަންނީ ލަފާދީ ސްޓޮކް އެކްސްޗޭންޖްގެ މަސައްކަތް ފުޅާ ކުރުމުގައި ޙަރަކާތްތެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.
ހަސަން މަނިކް އިސްތިއުފާ ދެއްވުމާއި ގުޅިގެން އެމްއެސްއީ ގެ ސްޓޮކް އެކްސްޗޭންޖްގެ ޗެއާމަން އަލާއު ޢަލީ ވިދާޅުވެފައި ވަނީ ހަސަން މަނިކް ވަނީ ސީއީއޯގެ މަޤާމްގައި ހުންނަވައިގެން ސްޓޮކް އެކްސްޗޭންޖްގެ ދާއިރާ އިން ދުވަހަކުވެސް ދެކެފައިނުވާ މިންވަރަށް ކުންފުނީގެ މަސައްކަތް ތަރައްޤީކޮށް ދެއްވާފައި ކަމަށެވެ.
އަދި ރާއްޖޭގެ ކެޕިޓަލް މާކެޓް ތަރައްޤީ ކުރުމުގައި މަނިކުގެ ފަންނީ އެހީތެރިކަން ހޯދަމުންދާނެ ކަމަށްވެސް އަލާއު ވަނީ ވިދާޅުވެފައެވެ.
"ދިވެހިރާއްޖޭގައި ޙަރަކާތްތެރިވާ ވިޔަފާރިތައް އިތުރުވަމުން އަންނަ މިންވަރަށް ބަލާލާއިރު، ސްޓްކް އެކްސްޗޭންޖެއްގެ ދައުރު ވަރަށް ބޮޑު. އަދި މި ދާއިރާ ހަރުދަނާކުރުމަށް އޮތް ޖާގަވެސް ބޮޑު. މާލީ ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އެބޭފުޅުންގެ ހުނަރާއި، ކްރިއޭޓިވިޓީ އަދި ޓެކްނިކަލް ނޮލެޖް ތަންފީޒުކުރުމަށް ސްޓޮކް އެކްސްޗޭންޖުން ލިބިގެންދާނެ"، އެމްއެސްއީގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަނިކު ވިދާޅުވިއެވެ.
ހަސަން މަނިކު އިސްތިއުފާ ދެއްވުމާއި ގުޅިގެން އެމްއެސްއީގެ އީއީއޯގެ މަޤާމަށް ކުރިމަތިލެއްވުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލެވިފައެވެ.
އެމްއެސްއީ އަކީ ދެފުށް ފެންނަ އުސޫލުން ކުންފުނިތަކަށާއި އާންމުންނަށް ހިއްސާގެ ބާޒާރު މެދުވެރިކޮށްދިނުމުގެ މަޤްސަދުގައި 2008 ވަނަ އަހަރު ޕްރައިވެޓް ސެކްޓަރ ސްޓޮކް އެކްސްޗޭންޖްގެ ގޮތުގައި ސީ.އެމް.ޑީ.އޭ އިން ލައިސަންސް ކޮށްފައިވާ ފަރާތެކެވެ.