Last Updated: June 20, 06:09
Saturday, June 20, 2026
ޚަބަރު

ފިޔާޒަށް ކުރި ދައުވާ ސާބިތެއް ނުވި

ހުސެއިން ފިޔާޒު މޫސާ، ފޮޓޯ: ވީނިއުސް

ރާއްޖެ ޓީވީގެ ސީއޯއޯ ހުސެން ފިޔާޒް މޫސާގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކޮށްފިއެވެ.

ފިޔާޒްގެ މައްޗަށް ދައުލަތުން ޖެހުމުގެ ދައުވާ އުފުލާފައިވިނަމަވެސް ކޯޓުން ދައުވާއާ މެދު ސުވާލު އުފެއްދުމުން ދައުލަތުން ވަނީ ދައުވާ ބަދަލުކޮށްފައެވެ. އަދި ފިޔާޒް ވަނީ ދައުވާ އަށް އިންކާރުކޮށްފައެވެ.

ދައުލަތުން ފިޔާޒާ ދެކޮޅަށް ދައުވާ އުފުލާފައިވަނީ 2015 ވަނަ އަހަރު ނޮވެމްބަރު މަހު ފުލުހުން ބަންދުކޮށްފައިވާ ސީނަކަށް ގޮސް، އެސަރަހައްދު ބަންދުކޮށްފައިވާތީ ސަރަހައްދު ދޫކޮށް ދިއުމަށް ޕޮލިސް ކޯޕްރަލް މުހައްމަދު ސަހީން އެންގުމުން އޭނާގެ އެންގުމަށް އަމަލުނުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތް ކުރުމުން ސަހީންގެ މޭމަތީގައި ފިޔާޒް ޖެހިކަމަށް ބުނެއެވެ.

ކޯޓުން ފިޔާޒްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައިވަނީ އެމައްސަލަ އޭނާގެ މައްޗަށް ސާބިތުކުރުމަށް އެކަށީގެންވާ ވަރަށް ހެކި ހުށައަޅާފައިނުވާތީ ކަމަށް ކޯޓުން ކުރި ހުކުމުގައި ބުނެފައިވެއެވެ.