Last Updated: June 20, 06:09
Saturday, June 20, 2026
ޚަބަރު

އިލެކްޝަންސް ކޮމިޝަން މިނިވަނެއް ނޫން: ރޮޒޭ

"އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަނީ ރައީސް ޔާމީން އަންގަވާ ގޮތަށް"

އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ނޫން ކަމަށާއި އެއީ ޕީޕީއެމްގެ ބްރާންޗެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒޭ މިހެން ވިދާޅުވެފައިވަނީ ރޭ ސުޕްރީމް ކޯޓުން މެމްބަރުންގެ ގޮނޑިއާއި ގުޅިގެން ނެރުނު ހުކުމަށްފަހު އިލެކްޝަންސް ކޮމިޝަނުން އެ ދާއިރާތަކުގެ ބައި އިލެކްޝަން ބޭއްވުމަށް ނިންމުމާއި ގުޅިގެންނެވެ.

ރޮޒޭ ވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން ގެންދަނީ ޕީޕީއެމްގެ ބްރާންޗެއް ގޮތަށް ކަމަށާއި ރައީސް ޔާމީން ވިދާޅުވާ ކޮންމެ ކަމެއް، ގާނޫނާއި ގަވާއިދަށް ބެލުމެއް ނެތި އެ ކޮމިޝަނުން އަންނަނީ ކުރަމުން ކަމަށެވެ.

ސުޕްރީމް ކޯޓުން ނެރުނު ހުކުމާއި ގުޅިގެން ގާނޫނީ ވަކީލުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވާއިރު ދައުލަތުގެ ޓީވީ ޗެނަލުން ބުނެފައިވަނީ ސުޕްރީމް ކޯޓުން ނިންމި ނިންމުމުގެ ސަބަބުން މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ. ބައެއް ގާނޫނީ ވަކީލުން ހުކުމުގައި ގޮނޑި ނުގެއްލޭނެ ކަމަށް ބަޔާން ކުރާ ކަމަށް ބުނަމުން އަންނައިރު ބައެއް ވަކީލުން ވަނީ ކޯޓުން ނެރުނު ހުކުމަކީ ޖެއްސުމެއް ކަމަށް ބުނެ ފާޑުކިޔާފައެވެ.