Last Updated: April 27, 09:26
Saturday, April 27, 2024
ރިޕޯޓް

ތުރާކުނު ސައީދެއްކަމަކު އެބުނީ ތެދު ވާހަކައެކެވެ.

ފިނިފެންމަލެއްގެ ވާހަކަ މާއޮޮލަކޮށް ބަޔަކު ދައްކާތީ ބަލައިލިއިރު ވެގެން އުޅޭ ގޮތަކީ އަތްޖަހާ އޮޅީގެ ކުއްޖަކު އެއޮޅީގެ ސަރުދާރަށް ނިސްބަތްކޮށްފައި ފިނިފެންމަލެކޭ ބުނީއެވެ. އަހުރެންގެ ހަނދާނަށް އައީ ކުޑައިރު ކިޔައި އުޅުނު ލަވައެކެވެ. ގައުމީ މަލަށް ނިސްބަތްކޮށް ހަދާފައިވާ ލަވައެކެވެ. ގައުމީ މަލަކީ ފިނިފެންމަލެވެ. މިލަވައިގެ ކަޑިއެއްގައި ވެއެވެ.

އެއްދުވަހުން މޯޅިކަން އައިސް ފިޔަތައް ލުހިދާ ގޮތުން
ދުނިޔޭގެ މީ އުސޫލަކީ ބުނެ އެންގި މީމަލޭ

މިއީ ފިނިފެންމަލުގެ ގޮތެވެ. އަދި ދުނިޔޭގެވެސް އުސޫލެވެ. ފިނިފެންމަލުގެ ވަށައިގެން ކަރުގަނޑު ހިމާޔަތް ކުރާން ވަރަށް ގިނަ ފިޔަތައް ހުރެއެވެ. މާ ފޮޅިފައި ހުންނައިރު ފިޔަތައް ހުންނާނީ އެކަތިގަނޑަކަށެވެ. އެއްފިޔަ އަނެއް ފިޔައާ ގުޅިލާމެހިފައެވެ. ނަމަވެސް އެގޮތް މާގިނަ ދުވަހަކަށް ދެމިއެއްނުހުރެއެވެ. އެންމެ ދުވަހަކަށްފަހު ފިޔަތައް ލުހިގެން ވެރެން ފަށައިފާނެއެވެ. ފިޔައަކަށް ފަހު ފިޔައެއް ވެރެމުން ވެރެމުން ގޮސް އެންމެ ފަހުން ހުންނާނީ ކަރުގަނޑު އެކަންޏެވެ.

މަގޭ ހިތަށް އެރިއެވެ. މިއީ ކިހާ ބޮޑު ތެދެއް ހެއްޔެވެ. ސަރުދާރު އެމަގާމަކަށް އައީ ވަރަށް ވަރުގަދަ ސަޕޯޓަރުންތަކަކާއެކީގައެވެ. މަލުގެ ކަރުގަނޑުގެ ވަށައިގެންވާ ފިޔަތައް މާ ހިމާޔަތް ކުރާ ފަދައިން އެމީހުން ތިބީ ސަރުދާރު ހިމާޔަތް ކުރުމަށްޓަކައި ގުޅިލާމެހިގެންނެވެ. ހިތުން ރުހުމުންނެވެ. ލޮލުން ބޮލުން އެދިގެންނެވެ. ނަމަވެސް ޅެންވެރިޔާ ބުނެފައިވާ ފަދައިން އެ ފިޔަތަކަށް މޯޅިކަންއައިސް ވެރެންފެށީ ވަރަށްވެސް އަވަހަށެވެ. ފިޔަތަކުގެ ތެރެއިން އެންމެ ވަރުގަދަ ފިޔަތައް ހުރަގެޔަށް ލައިފިއެވެ. ނުކުޅަދާނަވީ ފިޔަތައް އިސްތިއުފާ ދީފިއެވެ. އަދިވެސް ދަނީ އިތުރަށް ލުހެމުންނެވެ. ކަރުގަނޑަކަށް ވާނީ މިއަދުކަން މާދަމާކަން ކަށަވަރެއް ނޫނެވެ.

ސަރުދާރާއި ފިނިފެންމާ އެއްފަދަ ކުރީ ހާދަހާވާ ލޯހުޅުވިފައި ހުރި ކަންކަން ދެނަހުރި މީހެއްތާއެވެ. ބުނިއެއްޗެއް އެބުނީ ސަރުދާރުވެސް ކައިރީގައި ބައިންދައިގެން ކުރިމަތީގައި ވިއްޔާއެވެ. މިކަހަލަ ވާހަކައެއް ތަންކޮޅެއް ކުރީޒަމާނެއްގައި ބަގީޗާގެ ޝިހާބުވެސް ވިދާޅުވިއެވެ. އޭރުގެ ސަރުދާރު ކައިރީގައި ބައިންދަވައިގެން ބޮޑު ޖަލްސާއެއްގައި ޝިހާބު ވިދާޅުވިއެވެ. މިއިންނެވި މަނިކުފާނު ނިކަން ގިނަގިނައިން ރާއްޖެއިން ބޭރަށް ވަޑައިގަންނަވައެވެ. އެވަޑައިގަންނަވަނީ އައިސްކްރީމާއި އަގުމާތްވިހައި މޮޅު ކާނާ ފަރީއްކުޅުއްވާންކަމަށް ކަލޭމެން ހީކުރެތެވެ. އެހެނެއް ނޫނެވެ. އެވެސް ފަރީއްކުޅުއްވައިގެން ރާއްޖެއަށް އެހީލިބޭނެ ގޮތް ހޯއްދަވަނީއެވެ.