Last Updated: July 3, 02:38
Thursday, July 2, 2026
ޚަބަރު

ކައުންސިލުން ރައްޔިތުންނާ ބައްދަލު ކުރަނީ

މި މަސް ނިމުމުގެ ކުރިން ރައްޔިތުންނާއި އެކު އާއްމު ބައްދަލުވުމެއް ބާއްވާނެ ކަމަށް މޭޔަރު އަބްދުﷲ ސޯދިޤް (ސޯބެ) ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިދާރާގައި މިއަދު މެންދުރު ފަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި "އައްޑޫ ލައިވް" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސޯބެ ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ރައްޔިތުންނާ އެކު އާއްމު ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

"އަދި މިހާތަނަށް އަޅުގަނޑަށް ނޯޓިސް ދީގެން ރައްޔިތުންނާއި ބައްދަލު ކުރެވުނީ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންނާއި، އެއީ 2011 ގެ ފުރަތަމަ ކުއާޓާތެރޭގައި އޭގެ ފަހުން މުޅިން ވެސް ބައްދަލު ކުރެވިފައި ވާނީ ޓާކެޓް ގްރޫޕްތަކާ. ނަމަވެސް މި މަހުތެރޭ ރައްޔިތުންނާ އެކު ބައްދަލުވުމެއް ބާއްވާނެ." ސޯބެ ވިދާޅުވި އެވެ.

ސޯބެ ވިދާޅުވީ އާއްމު ބައްދަލުވުން ލަސްކުރަމުން އަންނަނީ އަހަރީ ރިޕޯޓް ތައްޔާރުުކޮށް ނިމެންދެންނެވެ.

"އަހަރީ ރިޕޯޓް ނިމުމުން އަޅުގަނޑުމެން ރައްޔިތުންނާއި ބައްދަލު ކުރާނަން. އެކަމަށް ކައުންސިލުން އަންނަނީ ތައްޔާރުވަމުން، މި ބަލަނީ މި މަސް ނިމުމުގެ ކުރިން ރައްޔިތުންނާއި ބައްދަލު ކުރަން." އޭނާ ވިދާޅުވި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލު ނުކުރުމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އަދި މި އަހަރު ފަހު ކޮޅު ކައުންސިލް އިންތިޙާބު ބޭއްވޭ އިރު އަދި މިހާތަނަށް ކައުންސިލަށް ރައްޔިތުންނާ ބައްދަލު ކުރެވިފައެއް ނުވެ އެވެ.