ރޭޕްގެ ޝިކާރައަކަށްވި އުމުރުން 13 އަހަރުގެ މާބަނޑު ކުއްޖެއްގެ ބަނޑުގައިވާ ދަރިފުޅު އެބޯޓް ކުރުމުގެ ހުއްދަ ހޯދުމަށްޓަކައި އެކުއްޖާގެ އާއިލާއިން އިންޑިއާގެ ސުޕްރީމް ކޯޓަށް ގޮސްފިއެވެ.
އިންޑިއާގެ މައިގަނޑު އެއް ސިޓީ ކަމަށްވާ މުމްބާއީ އަށް ނިސްބަތްވާ އެ ކުއްޖާގެ ބަނޑަށް 30 ހަފްތާއެވެ. އިންޑިއާގެ ޤާނޫންގައި ބުނާގޮތުން 20 ހަފްތާ ފުރުމަށްފަހު ބަނޑުގައިވާ ދަރިފުޅު އެބޯޓް ކުރެވޭނެ ހަމައެކަނި ހާލަތަކީ މަންމަގެ ފުރާނައަށް ނުރައްކާވާނަމަ އެވެ.
އެކުއްޖާ ބަލިވެއިންކަން އެނގިފައި ވަނީ މާބޮޑަށް ފަލަވަމުންދާތީ އެކަމަށް ފަރުވާ ހޯދުމަށް ޑޮކްޓަރަށް ދެއްކުމަށްޓަކައި ހޮސްޕިޓަލަށް ގެންދިއުމުންނެވެ.
އެ އަންހެން ކުއްޖާ ބުނާ ގޮތުގައި އޭނާއާއި އެކު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގާފައި ވަނީ އޭނާގެ ބައްޕައާއި އެކު ވަޒީފާ އަދާ ކުރާ ފިރިހެނެކެވެ. އެ ފިރިހެން މީހާ ވަނީ މިހާރު ހައްޔަރު ކުރެވިފައެވެ.
ދާދިފަހުން އިންޑިއާގެ އުތުރު ޗަންދީގަރް ސިޓީ ގައި ވެސް ރޭޕްގެ ޝިކާރަކަށްވި އުމުރުން 10 އަހަރުގެ ކުއްޖަކު ވަނީ އަންހެން ކުއްޖަކު ވިހާފައެވެ.
އެކުއްޖާގެ މައްސަލައަށް ބައިނަލްއަޤްވާމީ ސަމާލުކަން ލިބިގެން ދިޔައީ، ދަރިފުޅު އެބޯޓް ކުރުމުގެ ހުއްދަ އިންޑިއާގެ ކޯޓްތަކުން ނުދިނުމާއި ގުޅިގެންނެވެ.
މީގެ އިތުރުން މި އަހަރުގެ މެއި މަހު ވެސް އިންޑިއާގެ އުތުރުގެ ރަށެއް ކަމުގައިވާ ހަރިޔާނާ ގައި ވެސް ދޮން ބައްޕަ ރޭޕް ކުރި އަންހެން ކުއްޖަކު ވަނީ ބަނޑުބޮޑުވެފަ އެވެ. އެއީ ވެސް އުމުރުން 10 އަހަރުގެ ކުއްޖެކެވެ. އަދި އެ ކުއްޖާގެ ބަނޑުގައިވި ދަރިފުޅު އެބޯޓް ކުރުމުގެ ހުއްދަ އިންޑިއާގެ ކޯޓްތަކުން ވަނީ ދީފައެވެ.
މިއިން އެއްވެސް މައްސަލައެއްގައި ޝިކާރައަށްވި އަންހެން ކުދިންގެ މައްޗަށް ޤާނޫނީ ގޮތުން އެއްވެސް ދައުވާއެއް ނުކުރެވޭނެ އެވެ.